ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގެ އަދަދު މަދުކުރުމަށް ހުށަހެޅުނު ބިލުގެ ވޯޓުގައި ވިޕްލައިނާ ހިލާފުވެ، ވޯޓުގައި ބައިވެރިނުވި ޕީއެންސީގެ މެންބަރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފާޑުވިދާޅުވެއްޖެ އެވެ.
މިއަދު މަޖިލީހުގައި ނެގުނު ވޯޓުގައި 76 މެންބަރުން ބައިވެރިވެ، 64 މެންބަރުންގެ އަޣުލަބިއްޔަތުން ބިލު ބަލައިގަތް އިރު، ޕީއެންސީގެ 10 މެންބަރުން ވަނީ ވޯޓުގައި ބައިވެރިނުވެ އެވެ. މި މައްސަލައާ ގުޅިގެން ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ވަޓްސްއެޕް ގްރޫޕަށް މެސެޖެއް ފޮނުއްވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ”ޕާޓީން ތްރީލައިން ވިޕެއް ކަނޑައެޅީމާ އެއާ ހިލާފުވުމަކީ އެއްވެސް ބޭފުޅަކު، އެއްވެސް ފަހަރަކު ކޮށްގެންވާނެ ކަމެއް ނޫން“ ކަމަށެވެ.
ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި ބިލުގައި ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރުމަށެވެ. މި ބިލުގެ ބަހުސްގައި ބައިވެރިވެވަޑައިގެންފައިވަނީ ޕީއެންސީގެ އެންމެ ތިން މެންބަރުންނެވެ. އެއީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިޤް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ވޯޓުގައި ބައިވެރިނުވި މެންބަރުންގެ ތެރޭގައި ހިމެނެނީ:
- ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގު
- މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް
- މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީޒު އަބްދުލްގާދިރު
- އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު ނަސީރު
- ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު
- ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު އަފޫ ހާމިދު
- ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހާމިދު
- ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން
- ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފު ރަޝީދު
- ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ
މީގެ ކުޑަވަގުތުކޮޅެއްކުރިން ކުރެއްވި ޕޯސްޓެއްގައި ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕް (ޕީޖީ) ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވި ގޮތުގައި އެ މެމްބަރުންގެ ތެރެއިން 9 މެމަބަރަކު ތިއްބެވީ ރަށުން ބޭރުގަ އެވެ. އަދި ބާކިތިބި ދެ މެމްބަރުން ވޯތުގައި ބައިވެރިނުވި ސަބަބުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް