ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހެޅި ބިލު މަޖިލީހުން ބަލައިގަތުމުގެ ވޯޓުގައި ބައިވެރިނުވި ޕީއެންސީގެ 10 މެންބަރުންނާމެދު ފިޔަވަޅު އަޅާނެކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން އިންޒާރު ދީފި އެވެ.
ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި، ސުޕްރީމް ކޯޓުން ދެ ފަނޑިޔާރުން ވަކިކުރުމަށް ހުށަހަޅާ ބިލު މިއަދު ވަނީ މަޖިލީހުން ބަލައިގަނެފައެވެ. މި ވޯޓުގައި ބައިވެރިވި 76 މެންބަރުންގެ ތެރެއިން 64 މެންބަރުން ވަނީ ބިލު ބަލައިގަތުމަށް ތާއީދުކުރައްވާފައެވެ. އަދި 12 މެންބަރުން ވަނީ ބިލާ ދެކޮޅަށް ވޯޓު ދެއްވާފައެވެ.
ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވި ގޮތުގައި، ތްރީލައިން ވިޕެއް ނެރެފައި އޮއްވާ ގަސްތުގައި ވިޕްލައިނާ ހިލާފުވާ މެންބަރުންނާމެދު ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެއެވެ. ނަމަވެސް، ވޯޓުގައި ބައިވެރިނުވި މެންބަރުންގެ ތެރެއިން 9 މެންބަރުން ތިބީ ރަށުން ބޭރުގައި ކަމަށް ފަލާހް ވަނީ ފާހަގަކުރައްވާފައެވެ.
ވޯޓުގައި ބައިވެރިނުވި މެންބަރުން:
- ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގު
- މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް
- މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީޒު އަބްދުލްގާދިރު
- އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު ނަސީރު
- ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު
- ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު އަފޫ ހާމިދު
- ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހާމިދު
- ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން
- ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފު ރަޝީދު
- ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ
ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން މިހާރު ދަނީ ރަށުގައި ތިބެ ވޯޓުގައި ބައިވެރިނުވި މެންބަރުންގެ ސަބަބު ބަލަމުންނެވެ.
ރައްޔިތުންގެ މަޖިލިސް ކޮންގްރެސް ޕާޓީ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު