ބަޖެޓުން ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓް ބައެއް ކައުންސިލްތަކުން ރަނގަޅަށް ބޭނުން ނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައިސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، އެލްޖީއޭއިން މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައިވާ މައްސަލައަކާ ގުޅިގެން ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ބައެއް ކައުންސިލްތަކުން ލޯކަލް ޓޫރިޒަމަށް އެރަށްތައް ޕްރޮމޯޓް ކުރުމަށް 2.3 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި ކައުންސިލްތަކުން މިގޮތަށް ކުރި ހޭދައަކީ ބޮޑު އިސްރާފެއް ކަމަށް ވިދާޅުވި އެވެ.
ބްލޮކް ގްރާންޓުގެ ގޮތުގައި މިދިޔަ އަހަރުވެސް 2.4 ބިލިއަން ރުފިޔާ ކައުންސިލްތަކަށް ދޫކުރިކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ ބައެއް ކައުންސިލްތަކުގައި އެ ފައިސާ ހަރަދުކުރާނެ ގޮތުގެ ގާބިލުކަމެއް ނެތުމުން އެ ފައިސާތައް އެކައުންޓުތަކުގައި ހުރި ކަމަށެވެ.
އެގޮތުން ގާތްގަނޑަކަށް 3 ބިލިއަނެއްހާ ރުފިޔާ ކައުންސިލްތަކުގެ އެކައުންޓްތަކުގައި ”ގަނޑުވެފައި“ އެބަހުރި ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި އެ ފައިސާތައް ކައުންސިލްތަކުން ހަރަދު ނުކުރާކަންވެސް ފާހަގަ ކުރެއްވި އެވެ.
ކައުންސިލްތަކަށް ލިބޭ ފައިސާއިން އިސްރާފުވާގޮތަށް އަދި ބޭރުދަތުރުތައް ކުރުމަށް ހަރަދުކުރާ މައްސަލައިގައި މީގެކުރިންވެސް ނާޒިމް ވަނީ ކަންބޮޑުވުންފާޅުކޮށް ވާހަކަ ދައްކަވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް މާލިއްޔަތު ކޮމެޓީ