ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ބޯޓުފަހަރުން މުދާ ބޭލުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 19 މުވައްޒަފުން ވަގުތީ ގޮތުން ނަގައިފި އެވެ.
މިކަން އެމްޕީއެލްއިން ހާމަކޮށްފައިވަނީ ރަމަޟާން މަހު މުދާ ދޫކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތް ހިއްސާކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕޯޓް ޑިޕާޓްމަންޓްގެ ހެޑް އިލްޔާސް މުހައްމަދު ވިދާޅުވީ، މި މުވައްޒަފުން ނަގާފައިވަނީ ކާގޯ ވެސެލްތަކުގެ މަސައްކަތަށް ޚާއްސަކޮށްގެން ކަމަށެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި، އާންމު ދުވަސްތަކާ ޚިލާފަށް މިހާރު ކޮންޓެއިނަރ އަދި ޖެނެރަލް ކާގޯ ވެސެލްތައް މެދުނުކެނޑި ޖައްސަމުންދާ ކަމަށާއި، މިވަގުތު ގާތްގަނޑަކަށް 10 ވެސެލް ޕޯޓުގައި ޖައްސަމުންދެއެވެ. ”ދެން މި ޝެޑިއުލް ވައިސްކޮށް ގެނެއްސިއްޔާ ވަރަށް ފަސޭހަކަމާ އެކު އެކަން ކުރެވިދާނެ. އެހެންނަމަވެސް މިހާރު އެޖެންޓުންނަށް ވެސް ގެނެވިއްޖެ،” އިލްޔާސް ވިދާޅުވިއެވެ.
އަލަށް ނެގުނު މުވައްޒަފުން މަސައްކަތް ކުރާނީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ މުއްދަތަށް ކަމަށާއި، ރޯދަ މަހު މަސައްކަތުގެ ވަގުތު ކުޑަވި ނަމަވެސް، އެމްޕީއެލްގެ މުވައްޒަފުން އިތުރު ގަޑީގައި މަސައްކަތް ކުރާނެ ކަމަށްވެސް އިލްޔާސް ފާހަގަކުރެއްވި އެވެ.
އިލްޔާސް އިތުރަށް ވިދާޅުވި ގޮތުގައި، މި ފިޔަވަޅުތައް އަޅާފައިވަނީ ރަމަޟާން މަހު އާންމު ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދަލާއި ކާބޯތަކެތި އެއްވެސް ދަތިކަމެއްނެތި ފޯރުކޮށްދިނުމަށް އިސްކަންދީގެންނެވެ.