ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ގޮތުގައި، ހޯމް މިނިސްޓަރު އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކޮށްފައިވެ އެވެ.
މިނިސްޓަރު އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އިދިކޮޅު އެމްޑީޕީގެ ފަރާތުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައިވަނީ، އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހުގައި ބަހުސް ކުރުމަށް ޖުމުލަ 2 ގަޑިއިރުގެ ވަގުތެއް ދިނުމަށެވެ. އޭގެތެރެއިން މިނިސްޓަރު އިހުސާންގެ ދިފާއުގައި ވާހަކަ ދެއްކުމަށް 1 ގަޑިއިރުގެ ފުރުސަތެއް ދިނުމަށާއި އަދި ބާކީ އޮތް 1 ގަޑިއިރުގެ ވަގުތު މެންބަރުން ބަހުސް ކުރުމަށް ދިނުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނެފައިވަނީ، ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީޙަށް ހުށަހެޅޭނީ މަދުވެގެން 10 މެންބަރުންގެ ސޮޔާއި އެކު ކަމަށެވެ.