ސުޕްރީމް ކޯޓުގެ ބެންޗު ކުޑަ ކުރަން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ އާންމު ހާލަތު ރަނގަޅު ކުރުމަށްކަމަށް އެ ބިލު މަޖިލީހަށް ހުށަހެޅުއްވި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުލް ސައްތާރު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގައި މިވަގުތު ތިއްބެވި 7 ފަނޑިޔާރުންގެ އަދަދު 5 ފަނޑިޔާރުންނަށް ދަށް ކުރުމަށް މި އިސްލާހު ޕީއެންސީއަށް ނިސްބަތްވާ މެންބަރު އަބްދުލް ސައްތާރު ހުށަހެޅުއްވީ އަމިއްލަ ގޮތުންނެވެ.
މި ބިލު ހުށަހެޅުއްވި ސަބަބެއްކަމަށް ވިދާޅުވެފައިވަނީ ގާނޫނު އަސާސީން ދިވެހިން ކުރާ އެންމެ ފޮނި އުންމީދަކީ ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުވެގެން އައުން ކަމުގައި ދެކޭތީ ކަމަށެވެ.
އަމިއްލަ ގޮތުން މި ބިލް ހުށަހެޅުމުގެ ބޭނުމަކީ ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގައި ފަނޑިޔާރުންގެ އަދަދު، ކުރީގެ ހާއްސަ މަޖިލީހުގައި ކުރެވުނު ބަހުސްތަކުގައިވެސް ބަޔާން ކުރެވިފައިވާ ފަދައިން ގާނޫނު އަސާސީއަކީ ވަރަށް ފޮނި އުންމީދަކާއި އެކު ދިވެހިން ލިބިގަތް ގާނޫނު އަސާސީއަކަށް ވާއިރު، ގާނޫނު އަސާސީން ދިވެހިން ކުރާ އެންމެ ފޮނި އުންމީދަކީ، ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުވެގެން އައުން ކަމުގައި ދެކޭތީ އެބަދަލު އެންމެ އެކަށޭނެ ގޮތަކަށް ރައްޔިތުންނަށް ލިބިގެން ދާނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އެކުލެވިގެންވާ ގޮތް ކުރިއެކޭވެސް އެއްގޮތަކަށް ބުނެވިދިޔަ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުން ރަނގަޅުކަމަށް ދެކޭތީއެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ، ސުޕްރީމް ކޯޓު އެކުލެވިފައިވާގޮތް ބަދަލުކުރުމަށް ހުށަހަޅާފައިވާ އިސްލާހެކެވެ. އެގޮތުން މި އިސްލާހުގައި ބުނެފައިވަނީ، ސުޕްރީމް ކޯޓު އެކުލެވިގެންދަނީ އުއްތަމަފަނޑިޔާރާއެކު އެ ކޯޓަށް އައްޔަނުކުރެވިފައިވާ ޖުމުލަ ފަސް ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ.
އިސްލާހުގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފަނޑިޔާރުންގެ ނަންތައް، މި ޤާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން 5 ދުވަހުގެ ތެރޭގައި ޖުޑިޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް އެ ފަނޑިޔާރުންގެ ނަންތައް ހުށަހަޅާތާ ގިނަވެގެން 7 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން އެ ފަނޑިޔާރުން މަގާމުން ވަކިކުރުމާމެދު ގޮތެއް ނިންމަންވާނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.
ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ، އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު، ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ.