ސަރުކާރުން ހުށަހަޅާފައިވާ އިޤްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ހަރަދުތައް ކުޑަކުރުމަށް ބައެއް ފަރާތްތަކުގެ މުސާރަ ކުޑަކުުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމާ އެއްގޮތަށް މިވަގުތު މުސާރަތައް ކުޑަކުރަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ މިއަދުގެ މަޖިލީހުގައި 44 މެންބަރުންގެ އިއްތިފާގުންނެވެ.
ރައީސް މުއިއްޒު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ދެ އަހަރުގެ މުއްދަތަށް މިނިވަން މުއައްސަސާތަކުގެ އިސް ވެރިންގެ އަސާސީ މުސާރަ 12،000 ރުފިޔާއަށްވުރެ މަތިން ލިބޭ މަގާމުތަކުގެ އަސާސީ މުސާރައިން 10 އިންސައްތަ އުނިކުރުމަށާއި ޝަރުއީ ދާއިރާގެ އިސްވެރިންނާއި މަޖިލީހުގެ މެންބަރުންގެ އަސާސީ މުސާރައިން 10 އިންސައްތަ އުނިކުރުމަށެވެ.
އެހެންނަމަވެސް މާލިއްޔަތު ކޮމިޓީން ނިންމާ މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ، މަގާމުތަކުގެ އަސާސީ މުސާރައިން 10% އުނިކުރެވޭނީ ގުޅުންހުރި ޤާނޫނުތަކަށް ގެންންނަޖްހޭ ބަދަލުތައް ގެނެސްގެން ކަމަށެވެ. އަދި ޤާނޫނުތަކަށް ބަދަލުނުގެނެސް މުސާރަ އުނިކުރުމަށް ކޮމިޓީން ނިންމުމަކީ އިންސާފުވެރި އަދަލުވެރިގޮތެއް ނޫންކަމަށް މާލިއްޔަތު ކޮމިޓީއަށް ފެންނަ ކަމަށާއި، އެހެންކަމުން މިވަގުތު މުސާރަ އުނިކުރުމަށް ނުފެންނަ ކަމަށެވެ. މީގެއިތުރުން މި މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ލަފާ އަރުވާފައިވަނީ ގުޅުންހުރި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެވުމުން، އަލުން މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށެވެ.
މަޖިލީހުން މި މައްސަލައިގައި މިއަދު ފާސްކުރި މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވަނީ، މިނިވަން މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޮޑްކާސްޓީން ކޮމިޝަން އެއްކޮށްލައިފިނަމަ އެފިޝަންސީ އިތުރުކުރެވި ހަރަދުތައް ކުޑަކުރެވޭނެ ކަމަށް ފެންނަ ކަމަށެވެ. އެހެންކަމުން މި ދެ މުއައްސަސާގެ އިތުރުން މިގޮތަށް އެއްކޮށްލެވޭނެ އެހެނިހެން މުއައްސަސާތައް ދެނެގަނެ، އެ މުއައްސަސާތައް އެއްކޮށްލުމަށް ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް އަވަސްކޮށް، އެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ތަންފީޒު ކުރެވިއްޖެނަމަ ހަރަދު ކުދަކުރުމުގެ ސިޔާސަތުގެ އެދެވިގެންވާ ނަތީޖާއެއް ނެރެވޭނެ ކަމަށް ފެންނަކަމަށް ރައީސްއަށް ލަފާ އެރުމަށްވެސް ބުނެފައިވެ އެވެ.
މީގެއިތުރުން ހަރަދުތައް ކުޑުކޮށް، ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ތަންފީޒު ކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާފައިވެ އެވެ.