ގާނޫނު އަސާސީއަށް ބަދަލު ގެނެސް ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް އޮންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުޕްރީމް ކޯޓުގައި އޮތް ދުސްތޫރީ މައްސަލައަކާ ގުޅިގެން މަޖިލީހަށް ބިލެއް ހުށަހަޅާ މަޖިލިސް ހަތިޔާރަކަށް ބޭނުން ކުރަމުންދާކަމަށް އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވުމާ ގުޅިގެންނެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހެޅުމުން އިދިކޮޅު އެމްޑީޕީން މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލުމުން މެންބަރު މީކާއިލް ވަނީ މާލިއްޔަތު ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުއްވި ރިޕޯޓަކަށް ބަހުސް ކުރައްވަމުން މި މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. މީކާއިލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ހިނގަމުން ދަނިކޮށް މަޖިލީހަށް ބިލެއް ހުށަހަޅާ މަޖިލިސް ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ މަޖިލީހަށް ބިލެއް ހުށަހެޅުމުން އެއީ މަޖިލިސް ހަތިޔާރަކަށް ބޭނުން ކުރަނީކަމަށް ބުނާ ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހަކީ މުތުލަގަށް ގާނޫނު އަސާސީއާ ގާނޫނުތަކަށް ބަދަލު ގެނެސް، ގާނޫނުތައް ހަދާ، ގާނޫނުތަށް އިސްލާހު ކުރުމުގެ ބާރު އޮންނަ މަޖިލީހެއް. އެހެންވީމާ މަޖިލީހަށް ބިލެއް ހުށަހެޅުމަކީ އެއީ މަޖިލިސް ހަތިޔާރަކަށް ބޭނުން ކުރަނީއޭ ވިދާޅުވާ ވިދާޅުވުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން.
ސަރުކާރުން ކޯޓުތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ސުޕްރީމް ކޯޓުގައި މިވަގުތު ތިއްބެވި 7 ފަނޑިޔާރުންގެ އަދަދު 5 ފަނޑިޔާރުންނަށް ބަދަލު ކުރުމަށް ހުށަހަޅާފަ އެވެ. މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އެވެ.
ރައްޔިތުންގެ މަޖިލިސް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މެންބަރު މީކާއިލް ނަސީމް