ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ބެލުމުގެ ދަށުން ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ 4،000 ފްލެޓަށް ހޮވޭ ފަރާތްތަކުގެ ލިސްޓު މި ހަފްތާ ތެރޭގައި އިއުލާން ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިކަން ރައީސް އިއުލާން ކުރެއްވީ ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދ. ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުން އެންމެ އިސްކަމެއް ދެނީ ކުރީގެ ސަރުކާރުން ފަށާފައިވާ ގެދޮރުވެރިކަމުގެ މަޝްރޫއުތަކާއި، ދޭން ނިންމާފައި ހުރި ގޯތިތަކާއި ފްލެޓްތައް ދިނުމާއެކު، މި ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ މަޝްރޫއުތައް ފަށައިގެން ކުރިއަށް ގެންދިއުމަށެވެ.
އަޅުގަނޑު ރިޔާސީ ބަޔާނުގައިވެސް ދެންނެވިން، ހުޅުމާލޭގައި އަޅަން ފަށާފައި ހުރި 4،000 ފްލެޓަށް ހޮވޭނެ ފަރާތްތަށް ކަނޑައަޅައި، ރޯދަ މަސް އައުމުގެ ކުރިން އިއުލާން ކުރާނަމޭ. އެ މަސައްކަތް ދަނީ އެގޮތަށް ބާރަށް. މި ހަފްތާ ނިމުމުގެ ކުރީގައި އަޅުގަނޑު ރިޔާސީ ބަޔާނުގައި ޔަގީންކަން ދިން ގޮތަށް އެއިރު އިއުލާން ކުރެވުނު 4،000 ޔުނިޓުގެ ލިސްޓު، އަޅުގަނޑުމެން ބަލަން ޖެހޭ މައްސަލަތައް، އޭސީސީން ފާހަގަކުރި ކަންކަން ބަލާފައި އެ ލިސްޓް އިއުލާން ކުރާނެ ކަމުގެ ޔަގީންކަން މިރޭވެސް އަރުވަން.
ކުރީގެ ސަރުކާރުގެ ދައުރު ނިމުމާ ކައިރިވެފައިވަނިކޮށް ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފައިވާއިރު، އެ ލިސްޓާ ގުޅިގެން ގިނަ ބައެއްގެ ޝަކުވާތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އެކަން ހުއްޓުވާފަ އެވެ. އޭސީސީން ތަޙުޤީޤު ކުރުމަށްފަހު ބުނެފައިވަނީ ކުރީ ސަރުކާރުން ދޫކުރި 4،000 ފްލެޓް ދީފައިވާ މީހުންގެ ތެރެއިން 60 ޕަސެންޓަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ.
މި މަޝްރޫއަކީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އިން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން 16 ޓަވަރު އެންބީސީސީން ކުރާ އިރު، އަނެއް 16 ޓަވަރުގެ މަސައްކަތް ކުރަނީ ޖޭއެމްސީންނެވެ. މި ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2800 އެޕާޓްމެންޓާއި ދެ ކޮޓަރީގެ 1200 އެޕާޓްމެންޓެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޯހިޔާވަހިކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަހި ދިރިއުޅުން ކޯޕަރޭޝަން