އައްޑޫ ސިޓީ ހުޅުމީދޫގައި ރޭ ހިނގި ސައިކަލު އެކްސިޑެންޓެއްގައި ބޮޑެތި އަނިޔާތަކެއް ވެގެން އައިޖީއެމްއެޗަށް ގެނެވުނު 19 އަހަރުގެ ޒުވާނާގެ ހާލު ސީރިއަސްވެ، ވެންޓިލޭޓަރަށް ލައިފި އެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ 11:30 ހާއިރު، ހުޅުމީދޫގައި ޒުވާނަކު ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓިގެންނެވެ. އެކްސިޑެންޓުގައި އަނިޔާވެފައިވަނީ މަރަދޫފޭދޫ، އިލްމު (19އ) އަށެވެ. އޭނާއަކީ ރޭސިން ޕްރެކްޓިސްއަށް ހުޅުމީދޫއަށް ގޮސް އުޅުނު ފަރާތެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ޕޯސްޓުތަކުން ވަނީ ހާމަވެފައެވެ.
އެކްސިޑެންޓް ހިނގުމާ ގުޅިގެން އެންމެ ފުރަތަމަ އޭނާއަށް ފަރުވާ ދެވުނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގަ އެވެ. ނަމަވެސް އަނިޔާގެ ކުޑަބޮޑުމިނަށް ބަލައި އިތުރު ފަރުވާއަށް މާލެ ގެނެވި، މިހާރު ވަނީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރަށް ލައިފަ އެވެ.
އެކްސިޑެންޓުގައި އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލު އަދި މިވަގުތާ ހަމައަށް ވެސް ހާމަކޮށްފައެއް ނުވެ އެވެ. ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށެވެ.