ހއ. ދިއްދޫގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ޚިދުމަތް ފެށުމަށްފަހު، ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް އެ ރަށުގެ ކައުންސިލާ ބައްދަލުކުރައްވައި، ކުނި މެނޭޖްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.
އިއްޔެ ކުރިއަށްގެންދެވުނު މި ބައްދަލުވުމުގައި، ދިއްދޫގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފެށުމާ ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކާއި، އެ ޚިދުމަތް އިތުރަށް ރަނގަޅުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރެވިފަ އެވެ.
މިނިސްޓަރ ޠާރިޤް ވިދާޅުވީ، ސާފު އަދި ސިއްހަތަށް ރައްކާތެރި މާހައުލެއް ޤާއިމްކުރުމަށްޓަކައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފުޅާކޮށް ހަރުދަނާކުރުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމުގަ އެވެ.
ދިއްދޫ ކައުންސިލުގެ ރައީސް ވިދާޅުވީ، ވެމްކޯގެ ޚިދުމަތް ފެށުމާ ގުޅިގެން ރަށުގެ ސާފުތާހިރުކަން އިތުރުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ. އަދި މި ޚިދުމަތް އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި އެވެ.
މިނިސްޓަރ ޠާރިޤް އިބްރާހީމްގެ މި ދަތުރުފުޅުގައި، ދިއްދޫގެ ކުނި މެނޭޖްކުރާ ސަރަހައްދަށް ޒިޔާރަތްކުރައްވައި، އެތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވި އެވެ. އަދި ރަށުގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވިދާނެ އިތުރު މަސައްކަތްތަކާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރެއްވި އެވެ.
މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް