ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް، ޔުނައިޓެޑް ނޭޝަންސްގެ ހިއުމަން ރައިޓްސް ކައުންސިލްގެ 58 ވަނަ ޖަލްސާގެ ހައި ލެވެލް ސެގްމަންޓްގައި ބައިވެރިވެވަޑައިގަތުމަށް ސްވިޓްޒަލޭންޑްގެ ޖެނީވާއަށް ވަޑައިގެންފި އެވެ.
ޖެނީވާއަށް ވަޑައިގެންނެވުމަށް ފަހު މިނިސްޓަރު ހަލީލް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، އެމަނިކުފާނު މި ޖަލްސާގެ މަތީ ފެންވަރުގެ އާންމު ބަހުސްގައި ވާހަކަފުޅު ދައްކަވާނެ އެވެ. އަދި މީގެ އިތުރުން، މަތީ ފެންވަރުގެ ބައެއް މަޝްވަރާތަކުގައިވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ދަތުރުފުޅުގައި، މިނިސްޓަރު ހަލީލް ޖަލްސާގައި ބައިވެރިވާ އެހެން ޤައުމުތަކުގެ ބައިވެރިންނާ މަޝްވަރާކުރައްވާނެ ކަމަށްވެސް ވިދާޅުވެފައިވެ އެވެ. މިފަދަ ބައްދަލުވުންތަކުން ދިވެހިރާއްޖެއަށް މުހިންމު ގުޅުންތަކެއް ޤާއިމްކުރެވި، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ އަޑު އިތުރަށް އުފުލިގެންދެ އެވެ.
ޔުނައިޓެޑް ނޭޝަންސްގެ ހިއުމަން ރައިޓްސް ކައުންސިލްގެ މި ޖަލްސާގައި އިންސާނީ ޙައްޤުތަކާ ގުޅޭ މުހިންމު މައްސަލަތަކާ ބެހޭގޮތުން މަޝްވަރާ ކުރާނެ އެވެ.