ހުޅުމާލޭ ފޭސް 2 ގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ތިބި ބަޔަކު ކާނާ ވިހަވެގެން ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި އެވެ.
އިމިގްރޭޝަނުން މިކަން ކަށަވަރުކޮށްދެމުން ބުނީ މި ވަގުތު 17 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި މި ހާދިސާގައި އަސަރުކޮށްފައިވާ ބިދޭސީންނަށް ވީ އެންމެ އަވަސް ފަރުވާއެއް ފޯރުކޮށްދިނުމަކީ މި ވަގުތު އެންމެ އިސްކަމެއް ދީގެން ކުރަމުންދާ ކަމެއް ކަމަށް އިމިގްރޭޝަނުން ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކޮށްފައިވެ އެވެ.
އެ މީހުންނަށް ފަރުވާދެމުން އަންނަނީ ހުޅުމާލެ ހޮސްޕިޓަލްގަ އެވެ.
ފުލުހުން މައުލޫމާތު ދެމުން ބުނެފައިވަނީ މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި މިކަމުގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ބަންދުގައި ތިބެނީ އިމިގްރޭޝަން ގާނޫނާ ހިލާފުވުމުގެ ސަބަބުން ރާއްޖެއިން ޑިޕޯޓްކުރުމަށް ހައްޔަރުކޮށްފައި ތިބޭ ބިދޭސީންނެވެ.