ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން ހިންގަމުންދާ މަސްދަޅު ބެހުމުގެ ޕްރޮގްރާމަށް އޮންލައިން ޓޯކަން ދޫކުރަން ފެށި ވަގުތާ ދިމާކޮށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މޯބައިލް އެޕްލިކޭޝަނަށް ބޭރު ޤައުމުތަކުން ޑިސްޓްރިބިއުޓެޑް ޑިނައަލް އޮފް ސަރވިސް (ޑީޑޮސް) ހަމަލާއެއް އަމާޒުވެފައިވާކަމަށް ސްޓެލްކޯއިން މިއަދު ހާމަކޮށްފި އެވެ.
ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ހަމަލާގެ ސަބަބުން ކުޑަ ވަގުތުކޮޅަކަށް އެޕްލިކޭޝަންގެ ޚިދުމަތް މެދުކެނޑުނު ނަމަވެސް، މިހާރު ވަނީ މި ހަމަލާތައް ކާމިޔާބުކަމާއެކު ހުއްޓުވައި، އެޕްލިކޭޝަންގެ ޚިދުމަތް އަލުން ފޯރުކޮށްދޭން ފެށިފައިކަމަށެވެ.
”މި ކަމާއިގުޅިގެން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މަޢާފަށް އެދެން،“ ސްޓެލްކޯގެ ބަޔާނުގައި ބުނެފައިވެއެވެ.
ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރާ މަސްދަޅު ކޭސްތައް ދޫކުރަމުން ދަނީ ކޮންމެ ގޭބިސީއެއްގެ ކަރަންޓް މީޓަރު ނަންބަރަށް ބަލައިގެންނެވެ. އެހެންކަމުން މި ހަމަލާގެ ސަބަބުން ރައްޔިތުންނަށް ދަތިތަކެއް ދިމާވިކަމަށް ސްޓެލްކޯއިން ބުނެ އެވެ.