ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މ. މުލީގައި ބުދަ ދުވަހު ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދާނެ ކަމަށް އެރަށު ކައުންސިލްގެ ރައީސް ޝަމޫން ރަމީޒް ވިދާޅުވެއްޖެ އެވެ.
މިކަމާ ގުޅޭގޮތުން ”ޖަވިޔަނި“ އަށް މަޢުލޫމާތު ދެއްވަމުން ޝަމޫން ވިދާޅުވީ، ރަމަޟާން މަހާ ގުޅިގެން އެތައް ހަރަކާތްތަކެއް ރޭވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މާހެފުމެއް ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މާހެފުމުގައި ފަރުމަހުގެ ރަހަ
ރައްޔިތުންގެ މާހެފުމުގެ ގޮތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތުގައި، ރައްޔިތުން ފަރުމަސް ބާނަން ގޮސް، އެ މަސް ފިހައިގެން އަދި އެހެނިހެން މީރު ކާނާއާއެކު މާހެފުން ބާއްވާނެ ކަމަށް ކައުންސިލްގެ ރައީސް ވަނީ ހާމަކުރައްވާފަ އެވެ.
ކުޅިވަރު މުބާރާތްތަކުގެ ކުލަގަދަ ފެށުމެއް
ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި އަންހެނުންނާއި ފިރިހެނުންގެ ވޮލީ މުބާރާތަކާއި، ފިރިހެނުންނަށް ޚާއްޞަ ފުޓްސެލް މުބާރާތެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މިއީ ގިނަ ރަށްތަކެއްގައި ރަމަޟާން މަހާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ބައެއް ކަމަށްވާއިރު، ރަށްތައް ޒީނަތްތެރިކޮށް ރަމަޟާން މަހުގެ ރާޅު ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެ އެވެ.