ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މ. ވޭވަށުގައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އެރަށު ކައުންސިލްގެ ރައީސް މަމްދޫހު ވަހީދު ވިދާޅުވެއްޖެ އެވެ.
މިގޮތުން ރައްޔިތުންނަށް ބާބަކިއު ހެދުމަށް ފަސޭހަވާނެ ގޮތަށް ބާބަކިއު ސްޓޭންޑުތައް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ރަށުތެރެ ޒީނަތްތެރިކުރުމުގެ މަސައްކަތްތައްވެސް ކުރެވެމުންދާ ކަމަށް ”ޖަވިޔަނި“ އަށް މަޢުލޫމާތު ދެއްވަމުން މަމްދޫހު ވިދާޅުވި އެވެ.
”އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި މިސްކިތްތައް އާބާތުރަ ފިލުވައި، ޒީނަތްތެރި ކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރެވެމުން،“ މަމްދޫހު ވިދާޅުވި އެވެ. އަދި ރަމަޟާން މަހުގެ ފަހު 10 ދުވަހުގެ ތެރޭގައި މަދަހަ މުބާރާތެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އޭނާ ހާމަކުރެއްވި އެވެ.
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެހެން ރަށްރަށުގައިވެސް މިފަދަ މަސައްކަތްތައް ކުރެވެމުންދާއިރު، ގިނަ ރަށްރަށުގައި މިސްކިތްތަކުގެ މަރާމާތާއި ސާފުކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރެވެ އެވެ. މީގެ އިތުރުން ރަމަޟާން މަހާ ގުޅުންހުރި އެކިއެކި ޕްރޮގްރާމްތައްވެސް ރޭވެމުންދާކަން ފާހަގަކުރެވެ އެވެ.