ޕޮލްކޯއިން ހިންގި ބްލޫސް ހައުސިން މަޝްރޫޢުގައި ލިފްޓުތައް ފޯރުކޮށްދިނުމާއި ހަރުކުރުމަށް 28 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ މާކެޓް އަގަށްވުރެ 16 މިލިއަން ރުފިޔާ އިތުރު އަދަދެއްކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
އިއްޔެ ބޭއްވުނު މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އޮޑިޓް އޮފީހުން ހާމަކުރި ގޮތުގައި، މި މަޝްރޫޢުގެ ލިފްޓުތަކުގެ މަސައްކަތް ވަނީ ތިން ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. މީގެ ތެރެއިން ފުރަތަމަ މަސައްކަތް ހަވާލުކުރެވުނީ އައިލެންޑް އެކްސްޕާޓާ އެވެ. މި ކުންފުންޏާއެކު ވެވުނު އެއްބަސްވުމުގެ ދަށުން 12 ލިފްޓު ފޯރުކޮށްދީ ހަރުކުރުމަށް އެއްބަސްވެފައިވަނީ 19.4 މިލިއަން ރުފިޔާއަށެވެ.
ދެވަނައަށް މަސައްކަތް ހަވާލުކުރެވުނު ޑީކޭއެމް ވޯލްޑްވައިޑް (ދެކޯމަސް) އާއެކު ވެވުނު އެއްބަސްވުމުގައި ލިފްޓުތަކުގެ އިތުރުން ސީސީޓީވީ ހަރުކުރުން ފަދަ އިތުރު ޓެކްނިކަލް މަސައްކަތްތައް ހިމެނުނެވެ. ނަމަވެސް، ފަހުން މި އެއްބަސްވުމުން ލިފްޓުތަކުގެ ބައި އުނިކުރެވުނެވެ.
އޮޑިޓް އޮފީހުން ފާހަގަކުރި ގޮތުގައި، ދެކޯމަސްއަށް ލިފްޓުތަކުގެ ޕްރިލިމިނަރީ މަސައްކަތްތަކަށް 190,976 ރުފިޔާ ދައްކާފައިވީ ނަމަވެސް، މީގެ ސަބަބުން މަޝްރޫޢުއަށް އެއްވެސް މާއްދީ މަންފާއެއް ލިބިފައެއް ނުވެއެވެ.
މި މަޝްރޫޢުގެ ލިފްޓުތަކަށް ޖުމްލަ 28 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މާކެޓް ރޭޓުގައި މި މަސައްކަތަށް ޚަރަދުވާނެ ކަމަށް އަންދާޒާކުރެވެނީ 12 މިލިއަން ރުފިޔާއެވެ. މިއީ މާކެޓް އަގަށްވުރެ 133 ޕަސެންޓް އިތުރު އަދަދެކެވެ.
ރައްޔިތުންގެ މަޖިލިސް އޮޑިޓާ ޖެނެރަލް މާލިއްޔަތު ކޮމެޓީ ދިވެހި ފުލުހުންގެ ޚިދުމަތް ޕޮލިސް ކޯޕްރޭޓިވް ސޮސައިޓީ (ޕޮލްކޯ)



