ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ކުރީގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒުގެ މައްޗަށް ދައުވާ ކުރަން އުޅޭކަމަށް ދެކެވޭ ވާހަކަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދޮގުކޮށްފި އެވެ.
ޕީޖީ އޮފީހުން ޖަވިޔަނި ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި ޖަވާޒުގެ މައްޗަށް ދައުވާ ކުރާކަށް އެ އޮފީހުން އަދި މަސައްކަތެއް ނުކުރެ އެވެ.
ބައެއް ނޫސްތަކުން މިއަދު ރިޕޯޓުކޮށްފައިވާ ގޮތުގައި އެފްއޭއެމްގެ ފައިސާއަށް ހިޔާނަތްތެރިވީ މައްސަލައިގައި ޖަވާޒްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަންނަނީ ތައްޔާރުވަމުންނެވެ.
އެފްއޭއެމްއަށް ލިބޭ ފައިސާއަށް އެ އެސޯސިއޭޝަންގެ ކުރީގެ އިސްވެރިން ހިޔާނާތްތެރިވެ، ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ޔޫއެސް ޑޮލަރުން ލިބޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާ ގުޅުން އޮންނަ ފަރާތްތަކަށާއި، ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށް، ނަހަމަގޮތުގައި ބޭނުންކޮށް މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި މިހާތަނަށް 4 ފަރާތެއްގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ.
ދައުވާކޮށްފައިވާ ފަރާތްތައް:
- ބައްސާމް އަދީލް ޖަލީލް
- މުހައްމަދު އަޤީލް
- ހަސަން ވަހީދު
- އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
އެފްއޭއެމްގެ ޚިޔާލާތުގެ މައްސަލައިގައި ބައްސާމްގެ މައްޗަށް ހަތަރު ދައުވާއެއް ކޮށްފައިވެ އެވެ. އެގޮތުން ބައްސާމްގެ މައްޗަށް ކޮށްފައިވަނީ ޚިޔާނާތްތެރިވުމުގެ ކުށުގެ 2 ދައުވާއާއި މަނީ ލޯންޑްރިންގެ ކުށުގެ 2 ދައުވާ އެވެ.
ބައްސާމް އަދިލް ޖަލީލް އެފްއޭއެމް މަނީ ލޯންޑަރިން ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)