20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތަށް ނޭޝަނަލް ޕްލޭނިންގ ސްޕެޝަލިސްޓެއްގެ މަޤާމަށް މީހަކު ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއިން އިއުލާނުކޮށްފި އެވެ.
މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓް ގައި ޝާއިޢުކޮށްފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) އިން ލިބެން ހުންނާނެ އެވެ. އަދި މި މަޤާމަށް ކުރިމަތިލާން ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 ގެ ކުރިން ”އެކްސްޕްރެޝަން އޮފް އިންޓަރެސްޓް“ މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެ އެވެ.
މި މަޤާމަށް ހޮވޭ ފަރާތުން ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ ޢަމަލީ މަސައްކަތްތައް އިސްކޮށް ހިންގުމާއި ކޯޑިނޭޓްކުރުން ހިމެނެ އެވެ.
މިނިސްޓްރީން ފާހަގަކުރި ގޮތުގައި މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި އިގްތިޞާދީ، އިޖްތިމާއީ އަދި ތިމާވެށީގެ ތަރައްޤީގެ ޕްލޭނެއް އެކުލަވާލުމެވެ.