1447 ވަނަ އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް ޒީނަތްތެރިކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މި މަސައްކަތުގެ ތެރެއިން މިހާރު ވެސް ހުޅުމާލޭގެ އަލްޘާނީ މިސްކިތުގައި ގަސް އިންދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އަދި މަސްޖިދުލް ޢަޒީޒާ މުސާ މިސްކިތުގައި ކަތުރު ފަނި އަޅާފައިވާ މިމްބަރު ބަދަލުކުރުމުގެ މަސައްކަތް ވަނީ ނިމިފަ އެވެ. މީގެ އިތުރުން ހުޅުމާލޭގައި އެންމެ ފުރަތަމަ ބިނާކުރެވުނު މިސްކިތް ކަމުގައިވާ މަސްޖިދުލް އަމާނީ މަރާމާތުކޮށް ސާފުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.
ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި، ފުރުގާނު މިސްކިތުގެ އޭސީ ހަރުކުރުމުގެ މަސައްކަތް ކުރިއަށްދަނީ އަމިއްލަ ފަރާތަކުންނެވެ. އަދި މި މިސްކިތް ޒީނަތްތެރިކުރުމަށް ވެސް ވަނީ ނިންމާފައެވެ.
ހުޅުމާލޭ މަސްޖިދުލް ޚައްތާބުގެ ފާހަނާގެ ދޮރުތަކާއި ޓައިލްސް ބަދަލުކޮށް، ވުޟޫކުރާ ބައި މަރާމާތުކޮށް ނިންމާފައިވެ އެވެ. އަދި މަސްޖިދުލް ތަޤްވާ މިސްކިތް ޒީނަތްތެރިކުރުމާއި، ނަމާދުކުރާ ބައި ބޮޑުކުރުމަށް ނިންމުމުގެ އިތުރުން، އިތުރު ފާޚާނާއެއް ހެދުމަށް ވެސް ވަނީ ނިންމާފަ އެވެ.
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާލޭގެ އެކި ސަރަހައްދުތަކުން ޕެލެޓްތައް ނަގައި، ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހަކުރުމުގެ މަސައްކަތްތައް ވެސް މިހާރު ދަނީ ކުރެވެމުންނެވެ.