މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކުރިން ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާކޮށްފައިވާ ދެ ބޭހެއްގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު، އަލުން އެ ދެ ބޭސް ވިއްކުމުގެ ހުއްދަ ދީފި އެވެ.
އެމްއެފްޑީއޭ އިން ހުއްދަ ދީފައިވާ ބޭސްތަކަކީ ޕާކިސްތާނުގެ ކުންފުންޏަކުން އުފައްދާ މެފްނެކް ސަސްޕެންޝަން (މެފެނެމިކް އެސިޑް) 5އެމްއެލް އަދި 50އެމްއެލް އާއި މެލޭޝިއާގެ ކުންފުންޏަކުން އުފައްދާ އެކްސެލް މެފެނެމިކް އެސިޑް ސަސްޕެންޝަން (މެފެނެމިކް އެސިޑް) 5އެމްއެލް އަދި 125އެމްޖީ އެވެ. މި ބޭސްތަކުގެ މާކެޓުން ލިބެންހުރި ބެޗްތައް ޓެސްޓުކޮށް، ބަލަންޖެހޭ ބެލުންތައް ބަލާފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.
އެމްއެފްޑީއޭ އިން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ދެ ބޭސް އިމްޕޯޓް ކުރާއިރު ޑައިއީތައިލިން ގްލައިކޯލް (ޑީއީޖީ) އަދި އިތައިލީން ގްލައިކޯލް (އީޖީ) އެނަލައިސިސް ރިޕޯޓް ހުށަހަޅަންޖެހޭނެ އެވެ. އަދި މި ރިޕޯޓަކީ ވާރލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ހުއްދަ ދީފައިވާ ލެބޯޓަރީއަކުން ހަދާފައިވާ ޓެސްޓަކަށް ވާންޖެހޭނެ އެވެ.
މި ދެ ބޭސް އިމްޕޯޓް ކުރުމާއި ވިއްކުމާއި އަދި ބޭނުންކުރުމުގެ ހުއްދަ ވަނީ މިއަދުން ފެށިގެން ދީފަ އެވެ.
މިނިސްޓްރީ އޮފް ހެލްތް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)