ދިވެހި ފުލުހުން ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ޑިއުޓީގައި ތިބޭއިރު ފޯނާއި ކުޅެން ނުތިބުމަށާއި ޑިއުޓީ ބޭނުމަށް ނޫނީ ފޯނު ބޭނުން ނުކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިހެން ވިދާޅުވެފައިވަނީ ފުލުހުންގެ 38 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އަދި ޝުޖާއު ވިދާޅުވީ ފުލުހުން ޑިއުޓީގައި ތިބޭ ވަގުތުގައި މޯބައިލް ފޯނާ ކުޅުމުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުން ވަރަށް ބޮޑަށް ފާޅުކުރައްވާ ކަމަށާއި ޑިއުޓީ ގަޑީގައި ފޯނުގެ ބޭނުން ކުރަންވާނީ ހަމައެކަނި ޑިއުޓީ ބޭނުމަށް އެކަނި ކަމަށް ވެސް ޝުޖާއު ވަނީ ވިދާޅުވެފަ އެވެ.
އޭގެ އިތުރުން ޝުޖާއު ވިދާޅުވީ ފުލުހުންނަށް ލިބިދޭ ޤާނޫނީ ބާރުތައް ޒިންމާދާރުކަމާއެކު ބޭނުންކުރަންޖެހޭނެ ކަމަށާއި ފުލުހުން ވާންޖެހޭނީ ބާރުގެ ބޭނުންނުކޮށް ކަންކަން ޙައްލުކުރާ ބަޔަކަށް ކަމަށް ސީޕީ ވަނީ ވިދާޅުވެފަ އެވެ.
ހަމަ އެހެންމެ ޝުޖާއު ވިދާޅުވީ ފުރަތަމަ ފިޔަވަޅު އެޅުމުގެ ބަދަލުގައި އިސްލާޙުކޮށް ފުރުސަތުދޭ ބަޔަކަށް ފުލުހުން ވުމަށް ކޮމިޝަނަރ އޮފް ޕޮލިސް އެދިވަޑައިގަންނަވާ ކަމަށެވެ.
މި ތަމްރީން ޕްރޮގްރާމުގައި 37 އަންހެނުނާާއި 90 ފިރިހެނުން ހިމެނޭ ގޮތަށް 127 ދަރިވަރުން ވަނީ މިތަމްރީނު ނިންމާފަ އެވެ.