ޖައިލަމް މަރާލި މައްސަލަ: އިސްތިއުނާފު އަޑުއެހުންތައް ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

2015 ފެބްރުއަރީ މަހުގެ ތެރޭގައި މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ހ. ހަންޑްރެޑްފްލާވާ ޖައިލަމް އަހްމަދު ޝާކިރު މަރާލި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގައި ފަށައިފި އެވެ.

މި މައްސަލައިގައި ދައުލަތުން ގއ. ވިލިނގިލި / ފިޔަޖަހާގެ މުހައްމަދު ހުމައިދު، ވ. ސިނަމާލެ 4 އިސްމާއީލް އަނީގުގެ މައްޗަށް ކުރީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ. އަދި ސ. ފޭދޫ / ވީނަސްވިލާ ނަސީބު ސައީދު އަދި ޏ. ފުވައްމުލައް / ޖަމްނާ އަލީ އިރުފާނުގެ މައްޗަށް ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ކްރިމިނަލް ކޯޓުގައި އުފުލާފައިވެ އެވެ. އެހެންނަމަވެސް 10 މާޗް 2022 ގައި ކްރިމިނަލް ކޯޓުން ވަނީ މި ހަތަރު މީހުންގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ކޮށްފަ އެވެ.

މި މައްސަލައިގައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ނަސީބް ސައީދު، އިސްމާއީލް އަނީގު އަދި އަލީ އިރުފާންގެ ބައި އެކަންޏެވެ. މި މައްސަލައިގައި ޖައިލަމްއަށް ވަޅިން ހަމަލާދިންކަމަށް ދައުލަތުން ބުނާ މުހައްމަދު ހުމައިދުގެ ބައި ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެއް ނުވެ އެވެ.

އިސްތިއުނާފީ އަޑުއެހުންތައް މިއަދު ހައިކޯޓުގައި ފަށާފައިވާއިރު، މި މައްސަލައިގައި ދައުލަތުން އިސްތިއުނާފީ ނުކުތާ ހުށަހަޅަމުން ބުނެފައިވަނީ، ކްރިމިނަލް ކޯޓުން މައްސަލަ ސާބިތުނުވާ ކަމަށް ނިންމީ ހެއްކާ ގަރީނާ ލިބިފައިނެތްކަމަށް ބުނެ ކަމަށެވެ. ދައުލަތުން މި މައްސަލައިގައި ސިއްރު ޝަފަވީ 8 ހެކި ހުށަހަޅާފައިވާނެކަން ފާހަގަކޮށް ޕީޖީގެ ވަކީލް ވިދާޅުވީ ސިއްރު ހެކިވެރިޔާ 1 ހެކިބަސް ދެމުން ވަރަށް ތަފުސީލުކޮށް ހާދިސާ ކިޔައިދީފައިވާ ކަމަށެވެ. އަދި މީނާއަށް ވަރަށް ގާތުން ހާދިސާ ފެނުނުކަމަށް ހެކިބަސް ދީފައިވާ ކަމަށާއި އެގޮތުން ޖައިލަމަށް ފުރަތަމަ ހަމަލާދިނީ އަތުންނާފައިން އިސްމާއިލް އަނީގް ކަމަށާއި އަދި އޭގެފަހުން ހުމައިދު 1 ފޫޓު ހުންނަވަރުގެ ވަޅިއެއް ޖައިލަންގެ ގަޔަށް ޖެހިކަމަށް ހެކިބަސް ދިފައިވާކަން ޕީޖީގެ ވަކީލް ފާހަގަކުރެއްވި އެވެ.

ޖައިލަމަށް ހަމަލާދިން އިރު އިރުފާން އަދި ނަސީބް އެތާ ކައިރީ ސައިކަލުގައި ތިބިކަމަށާއި، މާރާމާރީއަށްފަހު އަނީގު އަދި ހުމައިދް، އިރުފާން އަދި ނަސީބްގެ ސައިކަލުގެ ފަހަތުގައި ދިޔަ ކަމަށް ސިއްރު ހެކިވެރިޔާ 1 ހެކިބަސް ދީފައިވާކަން ޕީޖީގެ ވަކީލް ފާހަގަ ކުރެއްވި އެވެ. ނަމަވެސް ދަށު ކޯޓުން ސިއްރު ހެކިވެރިޔާ 1 ގެ ހެކިބަހަށް ބުރަދަން ދެވެން ނެތްކަމަށް ކަނޑައަޅާފައިވަނީ، އޭނާ ހެކިބަސްދިން ފަހުން ހެކިބަސްދިނީ ރާބޮއިގެން ހުރެ ކަމަށާއި ހެކިބަހުން ރުޖޫއަވާކަމަށް ބުނެ ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ބުނެކަމަށް ޕީޖީގެ ވަކީލް ފާހަގަ ކުރެއްވި އެވެ. ނަމަވެސް މި ސިޓިއަކީ ސިއްރު ހެކިވެރިޔާ 1 ކޯޓަށް ފޮނުވި ސިޓީއެއްކަން ކަށަވަރު ކޮށްފައި ނުވާކަމަށާއި އެ ސިޓިއާ ގުޅިގެން ސިއްރު ހެކިވެރިޔާގެ ބަހެއްވެސް ހޯދާފައިނުވާ ކަމަށް ޕީޖީގެ ވަކީލް ވިދާޅުވި އެވެ.

މީގެއިތުރުން ހެކިބަސް ނުނެގުނު ސިއްރު 5 ހެކިން ތަހުގީގަށް ދީފައިވާ ބަޔާނަށް ރިއާޔަތް ކޮށްދިނުމަށް ދަށުކޯޓުގައި އެދުނު ކަމަށްވެސް ޕީޖީގެ ވަކީލް ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ނަސީބު ސައީދު، އިސްމާއިލް އަނީގުއަށް ވަކީލަކު ހަމަޖައްސަން ދެ ހަފުތާގެ ފުރުސަތެއް ފަނޑިޔާރުން ވަނީ ދެއްވާފަ އެވެ. އަދި ދެން އަންނަ އަޑުއެހުމެއްގައި އިސްތިއުނާފަށް ޖަވާބުދާރީވާންޖެހޭނެ ކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ. އަލީ އިރުފާންގެ ވަކީލްގެ އެދުމަށް ދެން އަންނަ އަޑުއެހުމެއްގައި މައްސަލައިގައި ޖަވާބުދާރީ ވުމުގެ ފުރުސަތު ޝަރީއަތުން ވަނީ އަރުވާފަ އެވެ.

މި މައްސަލައިގައި ދަށު ކޯޓުގައި ކަންހިނގައިދިޔަގޮތް ސާފު ކުރުމަށް ފަނޑިޔާރުންގެ ފަރާތުން ޕީޖީގެ ވަކީލުންނަށް ގިނަ ސުވާލުތަކެއް ކުރިމަތިކޮށްފައިވެ އެވެ. މި ސުވާލުތަކާއި ގުޅިގެން ޕީޖީގެ ވަކީލް ވިދާޅުވީ މި ހާދިސާއަށްފަހު ހުމައިދު ފިލައިގެން ދިޔައީ ރާއްޖެއިން ބޭރަށް ކަމަށާއި ރާއްޖެއަށް އޭނާ ގެނެވުނީ ވަރަށް ދުވަސް ފަހުން ކަމަށެވެ. އަދި މި ތިން މީހުންނާއެކު ހުމައިދުގެ މައްޗަށް ދައުވާ ނުކުރެވުނީ އޭނާ ރާއްޖޭގައި ނެތުމާއި އޭނާގެ ބަޔާނެއް ތަހުގީގަށް ނުނެގި އޮތުމުން ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގަށް ހުމައިދުގެ ބަޔާންވެސް ނެގުނީ އޭނާ ރާއްޖެ އައިފަހުން ކަމަށާއި އެހެންކަމުން ހުމައިދުގެ މައްޗަށް ދައުވާ ކުރެވުނީ ފަހުން ކަމަށެވެ. ހުމައިދަށް ކުރި ދައުވާއާ ގުޅިގެން އެއްވެސް ފަރާތަކުން ހެކިބަސްދޭން ހާޒިރުވެފައި ނުވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ. އެހެންކަމުން އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅާފައިވާ ކަމަށްވެސް ޕީޖީގެ ވަކީލް ވިދާޅުވި އެވެ.

މި މައްސަލައިގައި ހުމައިދުގެ ތަހުގީގު ބަޔާން ނެތުމުން މައްސަލައިގައި ދެން ހިމެނޭ ތިން މީހުންނާއެކު ދައުވާ ނުކުރެވުނީ ކަމަށް ދައުލަތުން ބުނާތީ އެކަމާ ގުޅޭގޮތުން ފަނޑިޔާރު ހުސައިން މަޒީދު ސުވާލު ކުރެއްވި އެވެ.

”ބަޔާނެއް މީހަކު ނުދޭ ކަމަށްވަންޏާ ނުވަތަ ބަޔާނެއް ނުދެވޭ ހިސާބަށް ދުރަށް މީހަކު ގޮއްސި ކަމަށްވަންޏާ އެހިސާބުން އެމީހެއްގެ މައްޗަށް އެ ދައުވާއެއް ނުކުރެވެނީތޯއޭ، ކިހިނެއްތޯއޭ ޤާނޫނުދަންނަނީ. އެހެންވެއްޖި ކަމަށްވަންޏާ ޖިނާއީ އަދުލުގެ ނިޒާމުގައި އޮތް ވަރަށް ބޮޑު އައިބެއް ނޫންތޯ އެއީ، ވަރަށް ބޮޑު ލޯވަޅެއްނޫންތޯ އެއީ. މި ދައްކަނީ މީހަކު މަރާލި ވާހަކަ މިތާންގަ.“ ދައުލަތުގެ ވަކީލާ ސުވާލު ކުރައްވަމުން ފަނޑިޔާރު ހުސައިން މަޒީދު ވިދާޅުވި އެވެ.

ސުވާލުތަކާ ގުޅިގެން ދައުލަތުގެ ވަކީލް ވިދާޅުވީ ފުރިހަމަ ނުވާ ތަހުގީގެއްގެ މައްޗަށް ދައުވާއެއް ނުކުރެވޭނެ ކަމަށެވެ. ތަހުގީގު ފުރިހަމަ ކުރުމަށް ތުހުމަތު ކުރެވޭ މީހާ ބުނާއެއްޗެއް ބަލަން ޖެހޭ ކަމަށާއި މި މައްސަލައިގައި ހުމައިދު ރާއްޖޭގައި ނެތުމުން އޭނާގެ ބަހެއް ތަހުގީގަށް އޭރު ހޯދިފައެއް ނުވާ ކަމަށެވެ. އޭނާއާ ތަހުގީގުގައި ސުވާލު ނުކޮށްވެސް ކްރިމިނަލް ކޯޓުގައި ދައުވާކުރެވިދާނެކަން ފާހަގަކޮށް ދައުލަތުގެ ވަކީލް ވަނީ ދެން ޝަރީއަތް ކުރިއަށްގެންދާނީ ކިހިނެއްތޯ ސުވާލު އުފައްދަވާފަ އެވެ. އަދި ޝަރިއަތް ކުރިއަށް ގެންދެވެނީ އެ މީހާގެ ހާޒިރުގައިކަން ފާހަގަ ކުރެއްވި އެވެ.

މި މައްސަލައިގައި މުހައްމަދު ހުމައިދު ގަޒިއްޔާގެ ކޮޮޕީއެއް ފޯރުކޮށްދިނުމަށް ހައިކޯޓުގެ ފަނޑިޔާރުން ޕީޖީގެ ވަކީލުންގެ ކިބައިން އެދިވަޑައިގެންފައިވެ އެވެ.

ހައިކޯޓުގައި މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ ފަނޑިޔާރު ހުސައިން މަޒީދު, ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ދީބާނާޒް ފަހުމީ އެވެ.

ހައި ކޯޓު ކްރިމިނަލް ކޯޓު ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް) ޖައިލަމް މަރާލި މައްސަލަ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ