ފުލުހުން ޓޯވ ކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެންގޮސް ހުރި 446 އުޅަނދެއް ގަވާއިދުގައިވާ ގޮތުގެ މަތިން ނައްތާލައިފި އެވެ.
ފުލުހުން މި މައުލޫމާތު ހިއްސާކޮށްފައިވަނީ އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ. ނައްތާލި އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ ދެ ފުރޮޅުލީ 378 އުޅަނދާއި، ހަތަރު ފުރޮޅުލީ 40 އުޅަނދު އަދި 28 ބައިސްކަލެވެ.
ފުލުހުން ބުނާ ގޮތުގައި، ޓޯވ ކުރެވޭ އުޅަނދުތައް އަނބުރާ ގެންދިއުމަށް ވެރިފަރާތްތަކަށް ހަތް ދުވަހުގެ މުއްދަތެއް ދެވެ އެވެ. އަދި މިކަން އާންމުކޮށް އިއުލާން ކުރެވެ އެވެ. އަދި ހަމަ އެހެންމެ، ޓޯވ ކުރެވޭތާ ދެމަސް ދުވަސް ފަހުން ވެސް އުޅަނދުތައް ނުގެންގޮސްފި ނަމަ، އެ އުޅަނދުތަކުގެ ރަޖިސްޓްރީ ބާޠިލުކުރުމަށް ދަތުރުފަތުރާބެހޭ ވުޒާރާއަށް ހުށަހެޅޭނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މަގުމަތީގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގެ ސަބަބުން ޓްރެފިކް ޖާމްވުމާއި އެހެނިހެން މައްސަލަތައް ކުރިމަތިވަމުން ދިއުމާ ގުޅިގެން، ފުލުހުން ވަނީ ފާއިތުވި އަހަރުތަކުގައި މިފަދަ އުޅަނދުތައް ޓޯވ ކުރުމުގެ މަސައްކަތް ހަރުދަނާކޮށްފަ އެވެ.