ލޯބިވެރިޔާގެ ކުރީގެ ފިރިމީހާގެ ސައިކަލެއް ރޯކޮށްލުމުގެ މައްސަލައިގައި 21 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދު 15 ދުވަހަށް އިއްޔެ ވަނީ އިތުރުކޮށްފަ އެވެ.
ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ޖަނަވަރީ މަގުގައި ހުންނަ ވެލިގާ ހާޑްވެއާ ކައިރީގައި ބަހައްޓާފައި ހުރި ސައިކަލެއްގަ އެވެ. އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުން، މި ޢަމަލު ހިންގި ފަރާތް އެ ސަރަހައްދުގައި ހަރަކާތްތެރިވާ މަންޒަރު ފެންނަން ހުރި ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.
ކޯޓުގައި މި މައްސަލައަށް އިއުތިރާފުވި މީހާ ބުނެފައިވާ ގޮތުގައި، އޭނާ މި ޢަމަލު ހިންގާފައިވަނީ ބަނގުރާ ބޮއިގެން ހުރެ އެވެ. އަދި ”ހަމަޔަކު ހުރެގެން ނޫން“ ކަމަށްވެސް އޭނާ ވަނީ ކޯޓުގައި ބުނެފަ އެވެ.
ބަންދު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުން، ގެއްލުން ދީފައިވާ ސައިކަލަކީ މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތް ލޯބީގެ ގޮތުން ގުޅުން އޮންނަ މީހާގެ ކުރީގެ ފިރިމީހާގެ ސައިކަލެވެ. އަދި މި މައްސަލާގައި ހައްޔަރުކުރެވުނު ފަރާތަކީ ކުރިންވެސް އެކި މައްސަލަތަކުގައި ހައްޔަރުކުރެވިފައިވާ މީހެއްކަން ފުލުހުން ވަނީ ހާމަކޮށްފަ އެވެ.