ފުވައްމުލަކު ސިޓީން މިއަދު ހެނދުނު މަސްތުވާތަކެއްޗާ ގުޅުން ހުރި ކަމަށް ޝައްކު ކުރެވިގެން ހައްޔަރުކުރެވުނު އަންހެން މީހާ ދޫކޮށްލައިފި އެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިއަދު ހެނދުނު 10:45 ގައި ފުވައްމުލަކުގައި ހިންގުނު އޮޕަރޭޝަނެއްގައި، ބޯޓަކުން ފުވައްމުލަކަށް ގެނެވުނު ފޮށިގަނޑެއް ބަލައި ފާސްކުރުމަށްފަހު، މަރިޔަމް ފަޒީލާ ނަމަކަށް ކިޔާ އަންހެނެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، އެ ފޮށިގަނޑުގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކަމަށް ބެލެވުނު ނަމަވެސް، ތަޙުޤީޤަށްފަހު މަރިޔަމް ފަޒީލާއަކީ މި މައްސަލައާ ގުޅުމެއް ނެތް މީހެއްކަން ޔަޤީންވެފައިވާތީ، އޭނާ ވަނީ ހައްޔަރުން ދޫކޮށްލެވިފައި ކަމަށެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.