އައްޑޫސިޓީ މީދޫގެ މަތިކިޅީގައި މިއަދު ހަވީރު އަލިފާން ރޯވެ، އަނދަމުންދާ ކަމަށް ރަށު ކައުންސިލުން މައުލޫމާތު ދީފި އެވެ.
މި އަލިފާންގަނޑު ނިއްވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ދަނީ މަސައްކަތް ކުރަމުންނެވެ. އެމްއެންޑީއެފުން ބުނީ މި އަލިފާންގަޑު ރޯވެފައިވާކަމުގެ މައުލޫމާތު ލިބުނީ މިއަދު 17:30 ހާއިރު ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ރޯވެފައިވާ އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އަލިފާން ފުރަތަމަ ރޯވެފައިވަނީ ހުޅުދޫ ސަރަޙައްދުންނެވެ. އަދި އެއަށްފަހު އަލިފާންގަނޑު ވަނީ ވަރަށް ބޮޑަށް ފެތުރިގެން ގޮސްފައެވެ.
މަތިކިޅި އަކީ އައްޑޫސިޓީގެ މީދޫގައި ހުންނަ، ފަތުރުވެރިންގެ މެދުގައި ވަރަށް މަޤްބޫލު ތަނެކެވެ. މި ތަނުގައި އިކޯގާޑަނެއް ހަދާފައި ވާކަން ފާހަގަކުރެވެއެވެ. ނަމަވެސް މިފަދަ އަލިފާނުގެ ހާދިސާތަކުގެ ސަބަބުން މި ސަރަޙައްދަށް އެކި ފަހަރު މަތިން ގެއްލުންވަމުންދާކަން ވެސް ފާހަގަކުރެވެއެވެ.
އައްޑޫ ސިޓީ އައްޑޫ ސިޓީ ކައުންސިލް އަލިފާނުގެ ހާދިސާ އެމްއެންޑީއެފް