މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ޕްރިޒަން ޕްރައިވެޓްގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި މަގާމަށް ކުރިމަތިލުމަށް ހުޅުވާލައި ގެޒެޓުގައި ޝާއިޢުކުރި އިޢުލާނުގައި ބުނެފައިވާ ގޮތުގައި، މި ވަޒީފާގެ އަސާސީ މުސާރައަކީ މަހަކު 6,050 ރުފިޔާއެވެ. މީގެ އިތުރުން، މަގާމުގެ ހުވާ ކުރުމަށްފަހު ސާވިސް އެލަވަންސްގެ ގޮތުގައި 3,500 ރުފިޔާ އަދި ލިވިންގ އެލަވަންސްގެ ގޮތުގައި 2,500 ރުފިޔާ ލިބޭނެ އެވެ.
ޕްރިޒަން ޕްރައިވެޓްގެ މަގާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގައިވާ ގޮތުގެ މަތިން މަސައްކަތް ކުރުމެވެ. މި މަގާމަށް މީހުން ހޮވުމުގައި އިސްކަން ދޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ހަށިހެޔޮކަން ދެނެގަތުމަށް ބޭއްވޭ ފިޒިކަލް ފިޓްނަސް އަދި ފެތުމުގެ ޓެސްޓުން ފާސްވާ ފަރާތްތަކަށެވެ. އަދި މީގެ އިތުރުން މެޑިކަލް އެގްޒަމިނޭޝަން، އިންޓަވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާ ފަރާތްތަކަށް އިސްކަން ދެވޭނެ އެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުމާއި، ސާނަވީ އިމްތިހާނަކުން މަދުވެގެން 2 މާއްދާއިން ދަށްވެގެން ’ޑީ‘ ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ އިމްތިހާނުން ދިވެހި އަދި އިސްލާމް މި ދެ މާއްދާއިން ދަށްވެގެން ’ސީ‘ ފާސް ލިބިފައިވުން ހިމެނެ އެވެ. ނުވަތަ ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން ހިމެނެ އެވެ.
މީގެ އިތުރުން، އުމުރުން 18 އަހަރު ފުރި 35 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި، ޕްރިޒަން އޮފިސަރެއްގެ ވަޒީފާ އަދާކުރެވޭފަދަ ސިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން ޝަރުޠުކޮށްފައިވެ އެވެ. އަދި ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުންވެސް ޝަރުޠުތަކުގެ ތެރޭގައި ހިމެނެ އެވެ.
ޕްރިޒަން ޕްރައިވެޓްގެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 16 ވަނަ ދުވަހުގެ 15:00 އެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށާއި އީމެއިލް ލިބުނުކަން ކަށަވަރުކުރުމަށް 3026114 ނަންބަރަށް ގުޅުމަށް އަދި 9112451 ނަންބަރަށް ވައިބަރ ކުރުމަށް އިޢުލާނުގައި އެދިފައިވެ އެވެ.