ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް ގައުމީ މޫސުމާއި ބެހޭ ވުޒާރާ މެޓު އޮފީހުން ބުނެފި އެވެ.
މިއަދު މެޓު އޮފީހުން ވިދާޅުވެފައިވަނީ މިއަދު މެދުރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރާ ކަމަށެވެ. މޫސުމާއި ބެހޭ އިދާރާއިން މިއަދު ހަވީރު 18:00 އާއި ހަމައަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، އެ އިދާރާއިން ވަނީ މެދުރާއްޖެ ތެރެއާއި އުތުރުގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއި އެއްކޮށް ބޯކޮށް ވާރޭވެހި، ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކޮށްފަ އެވެ.
އަދި އެއާއި އެކު އެ އިދާރާއިން ބުނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން އަދި އެހެން ހިސާބުތަކުގައި އުތުރާއި އިރުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގާތްގަނޑަކަށް 30 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.
ކަނޑުތައް ގަދަވެދާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ކަނޑުދަތުރުކުރާ ފަރާތްތައް މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކޮށްފަ އެވެ.