ވަގަށް ނަގާފައިވާ 2،000 ޑޮލަރުގެ އަގުހުރި ތަކެތި ހޯދާ އޭގެ ވެރިފަރާތާ ފުލުހުން ހަވާލުކޮށްފި އެވެ.
މި ތަކެތި ވަގަށް ނަގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ އެޕާޓްމެންޓަކުންނެވެ. ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އަދި މައްސަލަ ހުށަހެޅުމުން ހުޅުމާލެ ފޭސް 2 ގެ ފުލުހުން ވަނީ މައްސަލައިގެ ތަހުގީގު ފަށާފަ އެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ތަހުގީގު ފަށާ އެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތް ހޯދާ އޭނާއާ ސުވާލުކޮށްފައިވާ ކަމަށެވެ.
ވަގަށް ނަގާފައިވަނީ ސެންޓުފުޅިތަކަކާއި، އަންނައުނާއި، ބޫޓު އަދި އަވިއައިނެއްކަމަށް ފުލުހުން ބުނެ އެވެ. އަދި މި ތަކެތީގެ އަގު 2،000 ޑޮލަރަށް އަރާކަމަށް ވެރިފަރާތުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށްދާކަމަށް ފުލުހުން މައުލޫމާތުދެ އެވެ.