މާލޭގައި ރޭ ހިނގި މާރާމާރީއެއްގައި މީހަކަށް އަނިޔާވެ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދީފި އެވެ.
މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، އަނިޔާ ލިބިފައިވާ މީހަކު ރޭ 11:40 ހާއިރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް، އަނިޔާ ލިބުނު މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
”ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގް ކުރަމުން،“ ފުލުހުންގެ މެސެޖުގައި ބުނެފައިވެ އެވެ.
މި ހާދިސާއާ ގުޅުވައި ފާހަގަކޮށްލެވޭ ކަމަކީ، މި މަހުގެ 15 ވަނަ ދުވަހު ވެސް ޒަހަމްތަކެއް ހުރި މީހަކު މާލޭގެ ސެނަހިޔާ ހޮސްޕިޓަލް ކައިރިން ފެނިފައިވާ ކަމެވެ. މީގެ އިތުރުން، މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން މާލޭގައި ގޭންގްތަކުގެ މެދުގައި މައްސަލައެއް ޖެހި، ސިލްސިލާ މާރާމާރީތަކެއް ހިނގަމުންދާކަން ފާހަގަކުރެވެ އެވެ.