ކުޑަކުދިންގެ ކަރާމާތަށް އުނިކަމެއް ލިބިދާނެތީ ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި ކުދިންގެ ފޮޓޯ އަދި ވީޑިއޯތައް ދައުރު ނުކުރުމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން އިލްތިމާސްކޮށްފި އެވެ.
އެ ވުޒާރާއިން މިހެން ބުނެފައިވަނީ ރޭ މާލޭގެ ގެއެއްގެ ފަސްވަނަ ފަންގިފިލާގެ ކުޑަދޮރެއްގެ ބޭރުގައި ކުޑަކުއްޖަކު ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެންނެވެ.
އިޖުތިމާޢީ ތަރައްޤީއާބެހޭ ވުޒާރާއިން ބުނީ ސޯޝަލް މީޑިއާގައި ދައުރުކުރާ މިފަދަ ފޮޓޯތަކާއި ވީޑިއޯތަކުގެ ސަބަބުން، ސީދާ ގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް އެކުދިންނަކީ ކޮންބައެއްކަން އާއްމުންގެ ތެރެއިން ބަޔަކަށް އެނގިގެންދާ ކަމަށެވެ. އަދި އޭގެ ސަބަބުން އެ ކުދިންގެ ކަރާމާތަށް އުނިކަން ލިބިގެންދާކަމަށާއި އެއީ އެ ވުޒާރާއިން ނުހަނު ކަންބޮޑުވާ ކަމެއްކަމަށް ބުނެފައިވެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއިން ފެންނަ ގޮތުގައި ވަރަށް ބޮޑަށް ހުޅުވިފައިވާ ކުޑަދޮރެއްގެ ފާރުބުރި މަތީ ކަކޫ ޖަހައިގެން އޮތް ކުއްޖަކު އެއް ފައި މަގަށްވާ ގޮތަށް ބޭރަށް ނެރެ އެވެ. އަދި މަގުމަތީ ތިބި މީހުން އެ ކުއްޖާ ގާތު އެތެރެއަށް ވަންނަން ގޮވާ ހަޅޭލަވާ އަޑުވެސް އިވެ އެވެ.
ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ކުޑަކުދިންގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާންމު ކުރުމަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން މަނާ ކަމެކެވެ. ކުށުގެ ތުޙުމަތުގައިވާ ކުދިންނާ، ކުށުގެ ޝިކާރައަކަށްވެފައިވާ ކުދިންނާއި އެނޫންވެސް ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އެކުންދިންގެ ނަމާއި އެޑްރެހާއި ތަޢުލީމު ހާސިލްކުރާ ތަނުގެ މަޢުލޫމާތު ފަދަ ޒާތީ އެއްވެސް މަޢޫލޫމާތެއް ހާމަކޮށްގެން ނުވާނެ އެވެ.