އަންނަ ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން މެޓް އޮފީހުން ބުނީ އަންނަ ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި މި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރާނީ މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށާއި އުތުރުގެ އަތޮޅުތަކަށްކަމަށް މެޓުން ބުނެ އެވެ.
މެޓް އޮފީހުން މައުލޫމާތުދޭ ގޮތުގައި މެދު ރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާ ކުރެވެ އެވެ. އަދި އެ ހިސާބުތަކަށް ވައިވެސް ގަދަ ވާނެކަމަށް މެޓުން ލަފާ ކުރެ އެވެ.
މެދު ރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކުގެ އިތުރުން ދެކުނުގެ ބައެއް ރަށްތަކަށްވެސް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާ ކުރެވޭކަމަށް މެޓް އޮފީހުން ބުނެ އެވެ.
ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ކުރާނެކަމަށް ލަފާ ކުރެވޭ ވިއްސާރައިގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ ވިލާގަނޑުގައި އިތުރަށް ގަދަވުން އެކަށީގެންވާކަމަށް މޭތް އޮފީހުން ބުނެ އެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން އަދި އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.