ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ސީދާ ދަތުރުތައް ޗައިނާގެ ވެރިރަށް ބެއިޖިންއަށް މިއަދު ފަށައިފި އެވެ.
މިއީ މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެ ގެނައުމަށްފަހު، ޗައިނާގެ ސިޓީތަކަށް ކުރާ ދެވަނަ ދަތުރެވެ.
މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެ ގެނެސްފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. އެއަށްފަހު، ފުރަތަމަ ދަތުރު ކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހު ޗައިނާގެ ޗެންޑޫއަށެވެ. މިއަދު ވަނީ ބެއިޖިންއަށް ދަތުރު ފަށާފައެވެ.
ބެއިޖިންއަށް ކުރި ފުރަތަމަ ދަތުރުގައި ދިވެހިންގެ އިތުރުން ފަތުރުވެރިންވެސް ވަނީ ރާއްޖެއިން ޗައިނާއަށް ދަތުރުކޮށްފައެވެ. މި ދަތުރުތައް ފެށުން ފާހަގަކުރުމުގެ ގޮތުން، ފުރަތަމަ ޗެކިންވި ފަތުރުވެރިޔާއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
މޯލްޑިވިއަންގެ ދަތުރުތައް ޗައިނާއަށް ފެށުމާއެކު، އެއެއަރލައިނުން ވަނީ ޓިކެޓް އަގުހެޔޮ ފެއަރއެއްވެސް ފަށާފައެވެ. މިވަގުތު މާކެޓްގައި ޗައިނާގެ ޓިކެޓްހުރި އަގާ އަޅާބަލާއިރު 30 އާއި 50 އިންސައްތައާ ދެމެދު އަގު ހެޔޮވާނެކަމަށް މޯލްޑިވިއަނުން ވަނީ ފާހަގަކޮށްފައެވެ. މި ޕްރޮމޯޝަނަލް އަގުތަކުގައި 40 ކިލޯގެ ލަގެޖާއި، ކެއުމުގެ ޕެކޭޖެއް ހިމެނޭކަމަށް އެއެއަރލައިނުން މަޢުލޫމާތު ދީފައިވެއެވެ.
މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ ޗެންޑޫ އަދި ބެއިޖިންއަށް ފަށާފައިވާއިރު، މިމަހުގެ 27 ވަނަ ދުވަހު ޝެންހާއީއަށް ދަތުރު ފަށާނެއެވެ. މިއިން ކޮންމެ ސިޓީއަކަށްވެސް ހަފްތާއަކު 1 ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖެ - ޗައިނާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) މޯލްޑިވިއަން