ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ލަފާކޮށްފި އެވެ.
މެޓް އޮފީހުން ދިން މަޢުލޫމާތުގައިވާ ގޮތުން، އަންނަ ހޯމަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނެ އެވެ. ޚާއްޞަކޮށް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި ވައިގަދަވާނެ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށްވެސް ލަފާކުރެވޭ ކަމަށް މެޓުން މަޢުލޫމާތު ދީފައިވެ އެވެ.
މޫސުމުގެ މި ހާލަތާ ގުޅިގެން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ، ވިލާގަނޑުގައި އިތުރަށް ގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުނެފައިވެ އެވެ. ވައިގެ ބާރުމިނާ ގުޅޭގޮތުން މެޓުން ބުނެފައިވަނީ، ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ފާހަގަކޮށްފައިވެ އެވެ.
މި ވިއްސާރައިގެ ސަބަބާ ގުޅޭގޮތުން މެޓުން ހާމަކޮށްފައިވަނީ، މިއީ ރާއްޖޭގެ އިރުމަތީ ސަރަހައްދުގައި އުފެދިފައިވާ ސާކިއުލޭޝަންއާއި އޭގެ ޓްރަފްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ.
މޫސުން ގޯސްވެފައިވާ މި ދުވަސްވަރު، ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށާއި، އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން އާންމުންނަށް އިލްތިމާސްކޮށްފައިވެ އެވެ.