މިދިޔަ އަހަރު ބަލައި ފާސްކުރި ތަންތަނުގައި މިހާރު އުޅެމުންދާ ބިދޭސީން އުޅެނީ ސައްހަ ވިސާއާ އެކު ގަވައިދާ އެއްގޮތަށްތޯ ކަށަވަރުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
އިމިގްރޭޝަނުން މިކަން ހާމަކޮށްފައިވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ. މި އޮޕަރޭޝަންގެ ދަށުން މިދިޔަ ބުދަ ދުވަހު ބަލައި ފާސްކުރެވުނު ދެ ތަނުގައި ވެސް މިހާރު ގަވާއިދާ ހިލާފަށް އުޅެމުންދާ އެއްވެސް ބިދޭސީއެއް ނެތްކަން އިމިގްރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.
ގަވައިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކުރާ މީހުން ހޯދުމަށާއި، އެފަދަ މީހުން ގަވައިދަށް ފެއްތުމަށް އިމިގްރޭޝަނުން މިދިޔަ އަހަރު ހާއްސަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މީގެ ތެރޭގައި ބައެއް ތަންތަނުން ގަވައިދާ ހިލާފަށް އުޅޭ މީހުން އަތުލައިގަނެ، ޑީޕޯޓުކުރުމުގެ އިތުރުން ބައެއް ބިދޭސީންނަށް އިސްލާހުވުމަށް ފުރުސަތު ދިނުން ހިމެނެއެވެ.
ސަރުކާރުން މިހާރު ގެންދަނީ ޤަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ފޮނުވާލުމުގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީންގެ ތަފްސީލީ މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތް ކުރިއަށެވެ. މިގޮތުން މިހާތަނަށް ބައޯމެޓްރިކްސް ހިމެނޭހެން 25،000 ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފައެވެ.