އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) ގެ ބޯޑުގެ ޗެއާމަނަކަށް އަހްމަދު ޝަފީއު އައްޔަންކޮށްފި އެވެ.
މި މަޢުލޫމާތު ހާމަކޮށްފައިވަނީ އައިލެންޑް އޭވިއޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
އަހްމަދު ޝަފީއުއަކީ މިހާރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ އެ މަޤާމަށް އައްޔަންކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ.
ޝަފީއުގެ ތަޖުރިބާއަށް ބަލާއިރު، އޭނާ ވަނީ ސަރުކާރުގެ އެކި މަޤާމުތަކާއި، ކުންފުނިތަކާއި އަދި އަމިއްލަ ބައެއް ތަންތަނުގައި އިސް މަޤާމުތަކެއް އަދާކުރައްވާފަ އެވެ. މީގެ ތެރޭގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންގެ ސަރުކާރުގައި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރުކަމާއި، މަތީ ތަޢުލީމާ ބެހޭ މަޖިލީހުގެ މެންބަރުކަން ހިމެނެ އެވެ. މީގެ އިތުރުން، އައިލެންޑާސް އެޑިއުކޭޝަންގެ ސީއީއޯކަން ވެސް ޝަފީއު ވަނީ ކުރައްވާފަ އެވެ.