ދުބާއީގެ ކުންފުންޏެއް ކަމަށްވާ ’ސަމާނާ ޑިވަލޮޕާސް‘ އިން ރާއްޖޭގައި 600 މިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެއް ކުރުމަށް ނިންމައި، ލަގްޒަރީ ރިސޯޓެއް އެޅުމުގެ މަސައްކަތް ފަށައިފި އެވެ.
މި ރިސޯޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ރާއްޖެގެ އުތުރުން، ހދ އަތޮޅުގައެވެ. މިއީ ރާއްޖޭގެ ފަތުރުވެރިން އެންމެ ބޮޑަސް ކުރިނާރައި އޮތް އަތޮޅުތަކުން އަތޮޅެކެވެ.
މި ރިސޯޓަކީ 190 ވިލާ ހިމެނޭ ރިސޯޓެކެވެ. މީގެ ތެރޭގައި ބީޗް ވިލާތަކާއި، ވޯޓަރ ވިލާތަކުގެ އިތުރުން ޕޫލްސައިޑް އެޕާޓްމަންޓްތައް ވެސް ހިމެނެ އެވެ. މި ރިސޯޓު ނިންމުމަށް ރޭވިފައިވަނީ 2029 ވަނަ އަހަރުއެވެ.
މި ރިސޯޓާ ހަމައަށް ދަތުރުކުރުމަށް ފަސޭހަ ގޮތްތަކެއް ހަމަޖެހިފައިވެއެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ސީޕްލޭންގައި 45 މިނެޓުން ދެވޭނެއެވެ. އަދި ހަނިމާދޫ އެއަރޕޯޓުން 20 މިނެޓުގެ ތެރޭގައި ރިސޯޓާ ހަމައަށް ދެވޭނެއެވެ.

މި ރިސޯޓުގައި މެހުމާނުންނަށް ޚާއްޞަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ. އެގޮތުން ސްޕާ އާއި ވެލްނަސް ސެންޓަރެއްގެ އިތުރުން، އަރަބިކް އަދި ޖަޕަނީސް ކުޒީންތަކަށް ޚާއްޞަ ރެސްޓޯރަންޓްތަކެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ފިޓްނަސް ސެންޓަރާއި އެހެނިހެން މުނިފޫހިފިލުވުމުގެ ޚިދުމަތްތައް ވެސް ފޯރުކޮށްދޭން ވަނީ ރޭވިފައެވެ.
ސަމާނާ ޑިވަލޮޕާސްގެ ސީއީއޯ އިމްރާން ފާރޫގް ވިދާޅުވި ގޮތުގައި، ”ދުބާއީގެ ތަޖުރިބާއާއެކު ރާއްޖެ ފަދަ ގައުމެއްގައި ލަގްޒަރީ ރިސޯޓެއް ހެދުމަކީ އެ ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް ލިބޭ މުހިއްމު ފުރުސަތެއް“ ކަމަށެވެ. އަދި މި ރިސޯޓު ތަރައްގީކުރެވެނީ ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި އުސޫލުތަކާ އެއްގޮތަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.