ގައްޒާއަށް ލިބުނު ނަސްރު ފާހަގަކުރުމަށްޓަކައި ”ގައްޒާ ނަސްރު“ ގެ ނަމުގައި މިއަދު މާލޭގައި ބޮޑު ހިންގާލުމެއް ބޭއްވުމަށް ނިންމައިފި އެވެ.
މި ހިންގާލުން ބާއްވަނީ އިޒްރާއީލުގެ ސިފައިން ގައްޒާއިން ފޭބުމާ ގުޅިގެންނެވެ. ހިނގާލުން ބާއްވަން ނިންމާފައި ވަނީ މާދަމާ ހަވީރު 4:00 ގައި އާޓިފިޝަލް ބީޗުގަ އެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރާއީލުން ގައްޒާއަށް ދެމުންދިޔަ ހަމަލާތަކުގައި 46،000 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 11،000 އެއްހާ މީހުން ޒަޚަމްވެފައިވެއެވެ. ޝަހީދުވި މީހުންގެ ތެރޭގައި 17،000 ކުޑަކުދިން ހިމެނެ އެވެ.
ގަތަރުގެ މެދުވެރިކަމާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، އިޒްރާއީލާއި ހަމާސް ވަނީ ހަ ހަފުތާގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައެވެ. މި އެއްބަސްވުމުގެ ދަށުން:
– ދެފަރާތުން ދެމުންދިޔަ ހަމަލާތައް ވަގުތީގޮތުން ހުއްޓާލުން
– ގައްޒާ ރައްޔިތުންނަށް އެމީހުންގެ ގެދޮރަށް ދިއުމުގެ ފުރުސަތު ލިބުން
– ހަމާސްގެ ބެލުމުގެ ދަށުގައިވާ 33 އަސީރުން މިނިވަންކުރުން
– އިޒްރާއީލުގެ ޖަލުތަކުގައި ތިބި 1000 އެއްހާ ފަލަސްތީނު ގައިދީން މިނިވަންކުރުން
– އިޒްރާއީލުގެ ސިފައިން ގައްޒާ-އިޒްރާއީލު ބޯޑަރާ 700 މީޓަރާ ހަމައަށް ފަހަތަށް ޖެހުން
– ދުވާލަކު 600 އެހީގެ ޓްރަކު ގައްޒާއަށް ވަނުމުގެ ހުއްދަ ދިނުން
– ޒަޚަމްވެފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް މިސްރަށް ގޮސް ފަރުވާ ހޯދުމުގެ ފުރުސަތު ދިނުން
މި އެއްބަސްވުމާ ގުޅިގެން ގައްޒާގެ ރައްޔިތުން ދަނީ އުފާ ފާޅުކުރަމުންނެވެ. އަދި މާލޭގައި ބޭއްވޭ ”ގައްޒާ ނަސްރު“ ހިންގާލުމުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވާނެކަމަށް ބެލެވެ އެވެ.