ރ. ކިނޮޅަހުގެ ސްކޫލާއި ސިއްހީ މަރުކަޒު އަދި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.
މި ޔަގީންކަން ރައީސް ދެއްވާފައިވަނީ ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކިނޮޅަހަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު އެވެ.
ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ”ސިއްހީ މަރުކަޒާއި ސްކޫލް ތަރައްގީ ކުރުމުގެ އިތުރުން ސިކުނޑި ތަރައްގީކޮށް ދުޅަހެޔޮ ކަމަށް ކުޅިވަރު ވަރަށް މުހިންމު“ ކަމަށެވެ. އަދި ކޮންމެ އުމުރަކަށް ވެސް އަދި ކޮންމެ ޖިންސަކަށް ވެސް ކުޅިވަރަކީ މުހިންމު އެއްޗެއްކަން ފާހަގަކުރެއްވި އެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެ ރަށެއްގެ އާބާދީއަށް އެކަށީގެންވާ އަދަދަށް ކުޅިވަރުގެ ވަސީލަތްތައް ގާއިމްކުރުމަށް ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ. މި ގޮތުން ކިނޮޅަހުގައިވެސް ކުޅިވަރުތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
ތައުލީމީ ދާއިރާއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވީ، ”ޖީލެއް ބިނާކުރުމުގައި ތައުލީމީ ރަނގަޅު ދަރިންތަކެއް ބިނާކުރުމަށް ތައުލީމީ އިންފްރާސްޓްރަކްޗަރ“ ގެ މުހިންމުކަމެވެ. އަދި ސްކޫލްތަކުގައި ހުންނަންޖެހޭ ވަސީލަތްތައް ފުރިހަމަވުމަކީ މުހިންމު ކަމެއްކަމާއި، އެއާއެކު ކިޔަވައިދިނުމުގެ ފެންވަރު ވެސް ރަނގަޅުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި ކިނޮޅަހުގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރައީސް އަޑުއެއްސެވުމާއެކު، ރަށުގެ އަސާސީ ވަސީލަތްތައް ތަރައްގީކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅު ހިއްސާކުރެއްވި އެވެ.