ދިވެހިރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް، ލިސްޓުކޮށްފައިވާ ސެކިއުރިޓީޒް ޓްރޭޑު ކުރުމަށް އޮންލައިން އޮޓޮމޭޓަޑް ޓްރޭޑިން ނިޒާމެއް ގާއިމްކޮށް، ރަސްމީ ސިފައިގައި އާއްމުންނަށް މިއަދު ހުޅުވާލައިފި އެވެ.
އެމްއެސްއީ އިން ލޯންޗުކޮށްފައިވާ އޮޓޮމޭޓަޑް ޓްރޭޑިން ނިޒާމުގެ ތެރޭގައި ”އޯޑާ މެނޭޖްމަންޓް ސިސްޓަމް (އޯއެމްއެސް)“ގެ ނަމުގައި ބްރޯކާ ބެކް އޮފީސް ވެބް އެޕްލިކޭޝަނެއް ހިމަނައިފައިވެ އެވެ.
މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ކުންފުނި (އެމްއެސްޑީ)އިން އެކުންފުނީގެ ޚިދުމަތްތައް އެކައުންޓު ހޯލްޑަރުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ގާއިމްކޮށްފައިވާ ވެބްސައިޓުގައި ”ޓްރޭޑް ކަނެކްޓް“ގެ ނަމުގައި އައު ފީޗާއެއް ތަޢާރަފުކޮށް، އިންފިނިޓީ އެކައުންޓު ހޯލްޑަރުންނަށް ފަސޭހަކަމާއެކު ބްރޯކަރެއް ޚިޔާރުކޮށްގެން އޮންލައިންކޮށް ޓްރޭޑް ކުރެވޭނެ ގޮތްތައް ހިމަނައިފައިވެ އެވެ.
ޕްރައިވެޓް ކުންފުންޏެއްގެ ގޮތުގައި ޚިދުމަތް ދެމުން އައި އެމްއެސްއީއިން ބުނި ގޮތުގައި، ވޭތުވެދިޔަ 17 އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ރާއްޖޭގެ ސެކިއުރިޓީޒްގެ ބާޒާރު ތަރައްގީކޮށް ގިނަ ރައްޔިތުން ތަކަކަށް ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިދިނުމަށް، ޒަމާނީ ޓެކްކޮނޮލީގެ އުފެއްދުންތެރިކަމުގެ ތެރެއިން، އެކި ޚިދުމަތްތައް މާކެޓަށް ތައާރަފު ކޮށްފަ އެވެ.
އެމްއެސްއީގެ ޓްރޭޑިން އިންފްރާސްޓްރަކްޗާ ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން، މިއަދު ލޯންޗުކޮށްފައިވާ އޮޓޮމޭޓަޑް ޓްރޭޑިން ސިސްޓަމްގެ ސަބަބުން، އިންވެސްޓަރުންނަށް ފަސޭހަކަމާއެކު ސެކިއުރިޓީޒްގެ ބާޒާރުގައި ޓްރޭޑުކުރުމުގެ ފުރުސަތު ފަހިވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.