ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތަޢާރަފުކުރި އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ ޚިދުމަތް މިހާތަނަށް 2،180 މީހުން ބޭނުންކޮށްފި އެވެ.
މިއީ ރައީސް މުއިއްޒުގެ ރިޔާސީ ވަޢުދެއް ފުއްދުމުގެ ގޮތުން މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ތަޢާރަފުކުރި ޚިދުމަތެކެވެ. މި ޚިދުމަތުގެ ދަށުން އުމުރުން 35 އަހަރާއި 49 އަހަރާ ދެމެދުގެ ދިވެހި ރައްޔިތުންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
ހެލްތު މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ޕްރޮގްރާމްގެ ދަށުން ކޮންމެ ދިވެހި ރައްޔިތަކަށްވެސް އަހަރަކު ދެފަހަރު ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތު ލިބިގެންދެ އެވެ.
މީގެ އިތުރުން، ސްކޫލް ދަރިވަރުންނަށް ޚާއްޞަ ސްކޫލް ސްކްރީނިންގ ޕްރޮގްރާމްވެސް ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ކުރިއަށް ގެންދެވެ އެވެ. މި ޚިދުމަތްތައް ތަޢާރަފުކުރެވުނީ ރައްޔިތުންގެ ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.