ރާއްޖޭގެ އުތުރާއި މެދުރާއްޖެ ތެރެއަށް ރީނދޫ ސަމާލު ނެރެފި އެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު މި ސަމާލު ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ހެނދުނު 10:45 އިން މެންދުރު 14:30 އަށެވެ.
މެޓުން ނެރުނު ސަމާލުގައި ބުނެފައިވާ ގޮތުގައި، މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެ އެވެ.
ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހުނު ސަރަހައްދުތައް
މެޓުން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ގދ. ފަރެސްމާތޮޑާއަށެވެ. އެރަށަށް 129.7 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭވެހުނީ ގދ. ގެމަނަފުށްޓަށް ކަމަށްވާއިރު، އެރަށަށް 56.2 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.
މީގެއިތުރުން، ޏ. ފުވައްމުލަކަށް 49.0 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، އައްޑޫ ސިޓީގެ ހިތަދޫއަށް 35.5 މިލިމީޓަރު އަދި ސ. ހުޅުމީދޫއަށް 28.8 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަން މެޓުން ފާހަގަކޮށްފައިވެއެވެ.