މާލޭގެ މަޖީދީމަގުގައި ހުންނަ ’ފުރުޓް ޓްރީ އެޕަލް‘ ފިހާރައިގެ ގުދަނުގައި މިއަދު ފަތިހު ރޯވި އަލިފާނުގެ ހާދިސާއާ ގުޅިގެން 22 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މަޢުލޫމާތު ދީފި އެވެ.
އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް މި ހާދިސާ ރިޕޯޓުކުރެވުނީ ފަތިހު 4:20 ގައެވެ. މި ހާދިސާގައި ގުދަނަށް ލިބުނު ގެއްލުން ވަރަށް ބޮޑުކަމަށާއި، އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
އެންޑީއެމްއޭއިން ދިން މަޢުލޫމާތުގައި، މި އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރާއި އިމާރާތަށް ލިބުނު ގެއްލުމުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަމަށް ބޭނުންވާ 10 ގޭބިސީއެއްގެ 33 މީހުން ފާހަގަކުރެވުނު ކަމަށް ބުންޏެވެ. މީގެ ތެރޭގައި ހިމެނެނީ 14 ދިވެހިންނާއި 19 ބިދޭސީންނެވެ.
އެ އޮތޯރިޓީން އިތުރަށް ހާމަކުރި ގޮތުގައި، މި ވަގުތު ފަސް ގޭބިސީއެއްގެ 14 ދިވެހިންނާއި އަށް ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބުނެފައިވެއެވެ. މި ހާދިސާއާ ގުޅިގެން އިތުރު މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ކުރިއަށް ގެންދާ ކަމަށް އެންޑީއެމްއޭއިން ބުނެފައިވެ އެވެ.
އަލިފާނުގެ ހާދިސާ އެމްއެންޑީއެފް މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)