ކަސްޓަމްސް އިން ހިފަހައްޓާނީ ގާނޫނާ ހިލާފަށް ރާއްޖެ އެތެރެކުރާ ތަކެތި ކަމަށް އެ އިދާރާ އިން ބުނެފި އެވެ.
ކަސްޓަމްސް އިން މިހެން ބުނެފައި ވަނީ، ރާއްޖެ ގެނައި ރޯލިން ޓޮބޭކޯ ޝިޕްމަންޓުތަކެއް ކަސްޓަމްސް އިން ހިފަހެއްޓުމަށްފަހު ދޫކޮށްލި ކަމަށް ބުނެ މީޑިއާތަކުގައި ދައުރުވަމުންދާ ހަބަރުތަކާއި ގުޅިގެންނެވެ.
މިކަމައި ގުޅިގެން ކަސްޓަމްސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އެ އިދާރާއަކީ ތަންފީޒީ އިދާރާއެއްކަމަށްވާތީ ކަސްޓަމްސް އިން ހިފަހައްޓާނީ ގާނޫނަކުން ރާއްޖެ އެތެރެކުރުން މަނާކަމަށް ބަޔާންކޮށްފައިވާ ތަކެތި ކަމަށެވެ.
ރާއްޖެއަށް އެތެރެކުރާ ހުރިހާ މުދަލެއް ވެސް ކްލިއާ ކުރާ މަރުހަލާގައި، ކަސްޓަމްސް އިން ބަލަންޖެހޭ އެކި އެކި ބެލުންތައް ބެލުމަށްފަހު، އެ މުދަލެއް ގާނޫނީ ގޮތުން ރާއްޖެ އެތެރެކުރުން މަނާނުވާ ނަމަ އެ މުދަލެއް ދޫކުރާނެ ކަމަށްވެސް ކަސްޓަމްސް އިން ބުނެފައިވެ އެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މިދިޔަ ނޮވެމްބަރު މަހު ގެނައި އިސްލާހުގައި ވަނީ ރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތުގެ ބާވަތެއް އުފެއްދުމަކީ މަނާކަމެއް ކަމަށެވެ.