ތައިލެންޑުގެ ބެންކޮކްގައި މާދަމާއިން ފެށިގެން ބާއްވާ ޑެސްޓިނޭޝަން ރޯޑް ޝޯގައި ބައިވެރިވުމަށް ރާއްޖޭގެ 12 ކައުންސިލަކުން 60 އަށްވުރެ ގިނަ މަންދޫބުން ތައިލެންޑަށް ދަތުރުކޮށްފި އެވެ.
މި އިވެންޓް އިންތިޒާމްކުރާ އެމްއައި އެޑްވަޓައިޒިން އިން ބުނީ މިއީ ޓޫރިޒަމްގެ މުހިންމު ދާއިރާއެއް ކަމަށްވާ ގެސްޓްހައުސް ސިނާއަތަށް ހާއްސަކޮށް، ވަކި ރަށްރަށް ޓޫރިސްޓް މަންޒިލްތަކެއްގެ ގޮތުގައި އިސްތިހާރުކުރުމަށް ކައުންސިލްތަކަށް ބާއްވާ ހާއްސަ އިވެންޓެއް ކަމަށެވެ.
ބެންކޮކްގެ އެންމެ މަޝްހޫރު އެއް ޝޮޕިން މޯލް ކަމަށްވާ ސެންޓްރަލް ވޯލްޑް ޝޮޕިން މޯލްގެ ފެއާ ގްރައުންޑްގައި ބާއްވާ މި އިވެންޓަކީ ރަށްރަށުގެ ގެސްޓްހައުސްތައް ޕްރޮމޯޓްކުރުމަށް ހާއްސަކޮށްގެން ބާއްވާ ޓޫރިޒަމް އިވެންޓެކެވެ. މި އިވެންޓް ކުރިއަށްދާނީ މާދަމާއިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. ޗައިނީސް ނިއު އިޔަރއާ ދިމާކޮށް ބާއްވާ މި އިވެންޓަށް ގިނަ ބައެއްގެ ޝައުގުވެރިކަން ހުންނާނެ ކަމަށް ބެލެވެ އެވެ.
މި ރޯޑްޝޯގައި ބައިވެރިވާ 12 ކައުންސިލަކީ ރާއްޖޭގައި ގެސްޓްހައުސް ޓޫރިޒަމް އެންމެ ކުރިއަރާފައިވާ ރަށްތަކުގެ ކައުންސިލްތަކެވެ. މި ރަށްތަކުގެ ތެރެއިން ތުލުސްދޫގައި އެކަނި 250 އެނދު ހުރިއިރު، މާފުށީގައި 2،800 އެނދު ހުރިކަން ފާހަގަކުރެވެ އެވެ.