ރައީސްއަކު ރަށަކަށް ވަޑައިގަންނަވާ ވަގުތު، އެމަނިކުފާނާއި ދެކޮޅަށް އަޑުއުފުލާ ނުވަތަ ޝުއޫރު ފާޅުކުރާ ރައްޔިތަކު އެ ސަރަހައްދުން ދުރުކުރުމަކީ އާންމުކޮށް ފެންނަ މަންޒަރެކެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރ. މަޑުއްވަރިއަށް ވަޑައިގެން، ބަނދަރު ސަރަހައްދުގައި ތިބި ރައްޔިތުންނާއި ސަލާމްކުރައްވަމުންދިޔައިރު ފެނިގެންދިޔައީ ކުރިޔާ ތަފާތު މަންޒަރެކެވެ. އެއީ ރައީސް، ރައްޔިތުންނާއި ސަލާމްކުރައްވަން ހުންނެވި ސަރަހައްދާ ދުރު ނޫން ސަރަހައްދެއްގައި ބޯޑަށް ހުފައިގެން ހުރެ ޝައުރޫ ފާޅުކުރަމްދިޔަ ރައްޔިތަކު ކައިރިޔަށް ވަޑައިގެން އެ މީހާގެ ޝުއޫރު އަޑުއެއްސެވި މަންޒަރު އެވެ.
ފުލުހުން އެ މީހާ ދުރުކުރުމަށް މަސައްކަތް ކުރަމުންދަނިކޮށް، ރައީސް ވަނީ އެ ރައްޔިތު މީހާ ދުރުނުކުރުމަށް އަތުން އިޝާރަތްކުރައްވާ ކައިރިއަށް ވަޑައިގެން އޭނާގެ ވާހަކަ އަޑުއައްސަވާފަ އެވެ. އެވަގުތުކޮޅު އެމަނިކުފާނު އަމަލުފުޅު ސާބިތުކޮށްދެއްވީ، އެއީ ރައްޔިތުންގެ ވެރިއެއްކަމެވެ.
ރައީސްގެ އަރިހުގައި ދަތުރުގައި ބައިވެރިވި އެންމެންހެން އެ މަންޒަރު ވިޑިއޯކޮށް ސޯޝަލް މީޑިއާގަ ދައުރުކޮށްފައިވެ އެވެ. ނަމަވެސް އޭނާ ޝުއޫރުފާޅުކުރި ސަބަބު އެނގެނީ މަދު މީހަކަށެވެ. ރައީސް ވަޑައިގެންނެވި ވަގުތު، ޝުއޫރުފާޅުކުރި މުއީން ވަނީ އޭނާ ޝުއޫރު ފާޅުކުރި ސަަބަބު ”ޖަވިޔަނި“ އަށް ކިޔައިދީފަ އެވެ.
މުއީން ނިކުތީ އިންސާފު ހޯދުމަށް
ޖަވިޔަނި ނޫހަށް މައުލޫމާތު ދެއްވަމުން މިއަދު މަޑުއްވަރީގައި ޝުއޫރު ފާޅުކުރަން ހުރި މުއީން ބުނީ މިކަން މިގޮތަށް އޭނާ ކުރީ މީގެ 4 އަހަރު ކުރިން ހިނގައިދިޔަ ކަމަކަށް އަދިވެސް އިންސާފުލިބިފައި ނުވާތީ ކަމަށެވެ. މުއީން ބުނީ މީގެ 4 އަހަރުކުރިން އޭނާއަކީ ސްކޫލެއްގެ ޓީޗަރެއްކަމަށާއި ނަމަވެސް އޭނާ ނުކުރާ ކަމެއް އޭނާ ބޮލުގައި އަޅުވާ ބަޔަކު އޭނާ ފްރޭމް ކުރުމުގެ މަސައްކަތް ކުރީ ކަމަށެވެ.
މުއީން ބުނީ މިކަމުގެ ސަބަބުން މުއީންގެ ވަޒީފާ ގެއްލި މުޅި ކެރިއާރ ވެސް ގެއްލިފައިވާ ކަމަށެވެ. މިކަމުގެ އިންސާފު ހޯދުމަށްޓަކާއި ބޮޑެތި އެތަށް އޮފީސްތަކަށް ސިޓީތަކާއި ޑޮކިއުމެންޓުތައް ފޮނުވި ނަމަވެސް މިކަމަށް އެއްވެސް ހައްލެއް ލިބިފައި ނުވާކަމަށް މުއިން ބުނެ އެވެ.
މިއަދާ ހަމައަށް އެ މައްސަލައަށް އެއްވެސް ހައްލެއް ލިބިފައި ނުވިނަމަވެސް މުއީން ބުނީ މިއަދު ރައީސް މުއީޒު ވަޑާގަތް ތަނަށް ބޯޑެއްގައި ލިޔުމެއް ލިޔެގެން ދިޔައީކީ މުޒާހަރާ ކުރުމަށް ނޫން ކަމަށާއި އޭނާ ދިޔައީ ދަރިއާ އަންހެނުން ގޮވައިގެން އިންސާފު ހޯދުމަށް ކަމަށެވެ.
ރައީސް ވަޑައިގަންނަވާ ތަނަށް ބޯޑެއް ހިފައިގެން ދިޔުމުން އެތާގައި ތިބި ސެކުރިޓީ ގާޑުން މިކަމަށް ހުރަަސްއަޅާ އެތަނުން މުއީން ދުރަށް ގެންގޮސް ތިކަހަލަ ކަންކަން ކުރުމުން ރަށުގެ އަގު ވެއްޓޭނެ ކަމަށް ބުނެ ތަކުރާރުކޮށް ބުނަމުން ދަނިކޮށް، ރައީސް މުއިއްޒު، މުއީން އަށް ގޮވާ ގެންގޮސް ޝުއޫރު ފާޅުކުރުމުގެ ފުރުސަތު ދެއްވިކަމަށް މުއީން ބުންޏެވެ. އަދި އެ ފުރުސަތުގައި ހުރިހާ ޑޮކިއުމެންޓެއް ފޮނުވާ އިންސާފު ހޯދާދިނުމަށް އެދުމުން އިންސާފް ހޯއްދަވައިދެއްވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިކަމަށް މުއީން ބުނެ އެވެ.
ވިޑިއޯ: ސޯޝަލް މީޑިއާ ———————————————————————————–
މުއީނަށް އިންސާފު ނުލިބި އެތަކެއް އަހަރެއް
މުއީން މައުލޫމާތު ދޭ ގޮތުގައި އޭނާ ފުރަތަމަ ސަސްޕެންޑްކުރީ (މުސާރަ ލިބޭ ގޮތަށް) އޭޕްރިލް 2021 ގައެވެ. އޭގެ ފަހުން ޖެހިޖެހިގެން އިތުރު 2 މަހު މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކުރުމަށްފަހު، ސަސްޕެންޝަން އުވާލާ އަލުން ވަޒީފާއަށް ނެރުނީ ޖޫން 2021 ގަ އެވެ. ވަޒީފާއަށް ނެރެ 4 މަސް ވެގެން ދިޔައިރުވެސް، ސަސްޕެންޝަނުގައި ބެހެއްޓި މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް ދީފައެއް ނުވެ އެވެ. ސްކޫލުން އެއަށް އަމަލުކުރަންވީ ގޮތް ސާފުކުރުމަށް 4 މަސް ވަންދެން އެދުނުއިރުވެސް އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ. އޭގެ ބަދަލުގައި، އޮކްޓޫބަރު 2021 ގައި މުސާރަ ނުލިބޭ ގޮތަށް އަނެއްކާވެސް ކުރީ ސަސްޕެންޑެވެ.
އަނެއްކާވެސް މުސާރަ ނުލިބޭ ގޮތަށް ޖެހިޖެހިގެން 4 މަހު ސަސްޕެންޑްކުރުމަށްފަހު، އަލުން ވަޒީފާއަށް ނިކުންނަން އެންގީ 7 ފެބްރުއަރީ 2022 ގަ އެވެ. އަދި ސިވިލް ސަރވިސްގެ ލިޔުމަކުން، މުއީންއަށް ޙައްޤުވާ މުސާރަ އާއި އިނާޔަތްތައް ދޭންވެސް އަންގާފައިވެ އެވެ. އަލުން ވަޒީފާއަށް ނިކުތްއިރު ލިބިފައި އިން މަޤާމްގެ ކުރިއެރުންވެސް (ލީޑިންގް ޓީޗަރ ޕޯސްޓް) އޮތީ ދުއްވާލާފަ އެވެ.
ސީ.އެސް.ސީ އިން އެންގި ގޮތަށް މުއީނަށް ޙައްޤުވާ މުސާރަ އާއި އިނާޔަތްތައް ދީފައެއްވެސް ނުވެ އެވެ. ބަދަލުގައި، ޕްރިންސިޕަލްގެ އަމުރަކަށް ނޫނެކޭ ބުނެވިގެން، އަނެއްކާވެސް 17 ފެބްރުއަރީ 2022 ގައި މުސާރަ ނުލިބޭގޮތަށް ކުރީ އިތުރު ސަސްޕެންޝަނެކެވެ. އެންމެ ކުޑަމިނުން އެ 10 ދުވަހަށްވާ މުސާރަ އާއި އިނާޔަތްތައްވެސް ދިނުމެއްނެތި، އޭގެ 2 މަސް ފަހުން، 19 އޭޕްރިލް 2022 ގައި، މުއީން ވަނީ ވަޒީފާ އިން ކަންޑާލާފައި ކަމަށް ވެސް މުއީން ޖަވިޔަނި ނޫހަށް މައުލޫމާތު ދިނެވެ.
ރައީސް ސާބިތުކޮށްދެއްވީ، އެމަނިކުފާނު ރައްޔިތުންގެ އަޑުއައްސަވާނެކަން
ރައްޔިތުންގެ ޝަކުވާތަކަށް އަޑުއަހައި، އެކަށީގެންވާ ވަގުތެއްގެ ތެރޭގައި ޖަވާބުދާރީވުމަކީ ކޮންމެ ދައުލަތުގެ މުއައްސަސާއެއްގެ ވެސް ޒިންމާއެކެވެ. މުއީންގެ މައްސަލައިގައި ފެނިގެންދިޔަ ފަދައިން، އެތައް އަހަރެއް ވަންދެން އިންސާފު ނުލިބި ތިބުމަކީ ރައްޔިތުންގެ އިތުބާރު ގެއްލި، ޤައުމުގެ ނިޒާމަށް ނޭދެވޭ އަސަރުކުރާނެ ކަމެކެވެ. ރައީސް މުއިއްޒު ސާބިތުކޮށްދެއްވީ، އެމަނިކުފާނު ރައްޔިތުންގެ އަޑުއައްސަވާނެކަމެވެ.