ރ. މަޑުއްވަރީ އަދި ރ. މީދޫގެ ބިމުގެ ދަތިކަން ހައްލުކުރުމަށްޓަކައި، މަޑުއްވަރީގެ އިޚްތިޞާސްގެ ތެރެއަށް އުފުލަންދޫ އަދި މީދޫގެ އިޚްތިޞާސްގެ ތެރެއަށް ތާވަތާ ހިމަނައިދެއްވަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފި އެވެ.
މަޑުއްވަރީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މިހާރު ރަށަށް އިތުރުކުރެވިފައިވާ ހައެއްކަ ހެކްޓަރުގެ ބިމަކީ ރަށުގައި ދިމާވެފައިވާ ގެދޮރުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ނޫން ކަމަށެވެ. އަދި ރަށުގައި ކުރެވޭ ފައިބަރުގެ މަސައްކަތްތަކަކީ ރައްޔިތުންގެ ސިއްހަތަށް ނޭދެވޭ އަސަރުކުރާ ކަމެއްކަން ފާހަގަކުރެއްވި އެވެ.
”ރަށުގެ ތެރޭގައި މިހިރަ އިޤްތިޞާދީ މަސައްކަތްތަކަށް ހުރި ބިންތަކާއި، އެހެނިހެން އިޤްތިޞާދީ ބޭނުންތަކަށް ކުރާ ތަންތަން ރަށުން ބޭރަށް ބަދަލުކުރުމަކީ ރަށުގެ ޖާގަ އެންމެ ބޮޑަށް އިތުރުކުރެވޭނެ ގޮތް،“ ރައީސް މުއިއްޒު ވިދާޅުވި އެވެ.
މީދޫއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އާންމުކޮށް މި ދަތުރުފުޅުގައި ޒިޔާރަތް ނުކުރައްވާ ރަށްރަށުގެ މަޝްރޫއުތަކުގެ ވާހަކަ ވިދާޅުނުވި ނަމަވެސް، މީދޫގައިވެސް ބިމުގެ ދަތިކަން ބޮޑުވެފައިވާތީ، އެކަން ހައްލުކުރުމަށް ތާވަތާ މީދޫގެ އިޚްތިޞާސްގެ ތެރެއަށް ހިމަނުއްވަން ނިންމެވި ކަމަށެވެ.
މި ނިންމެވުމާއެކު، ދެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރައްވަ އެވެ.
ރ. މަޑުއްވަރި ރ. މީދޫ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު