ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް ކަމަށް ދ. މީދޫ، ބިއްލޫރިވިލާ, ސަފާ ޝަފީގު މިއަދު އިންތިހާބުކޮށްފި އެވެ.
ބްރޯޑްކޮމްގެ ރައީސް ކަމަށް ސަފާ އިންތިހާބުކޮށްފައިވަނީ މިއަދު އެ ކޮމިޝަނުގެ މެންބަރުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓެއްގައި، ހާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.
ބްރޯޑްކޮމްގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މަރިޔަމް ވަހީދާގެ ދައުރު މިދިޔަ ޑިސެމްބަރު މަހުގެ 5 ކަށް ހަމަވުމުންނެވެ. މަރިޔަމް ވަހީދާގެ އިތުރުން، ކޮމިޝަނަރު އަލީ ޔޫސުފްގެ ދައުރު ވެސް ވަނީ ހަމަވެފަ އެވެ.
އެއާއެކު އަލަށް ބްރޯޑްކޮމްއަށް އައްޔަންކޮށްފައި ވަނީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ބްރޯޑްކޮމްގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތު ސިދުގީ އެވެ.
ބްރޯޑްކޮމްގެ މެމްބަރުކަމަށް ސަފާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދިނީ އޭޕްރިލް 26، 2023ގަ އެވެ. އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އޭނާ މެންބަރުކަމަށް އައްޔަންކުރެއްވީ އެ އަހަރުގެ މެއި މަހުގެ 9 އެއްގަ އެވެ.