ގައިންގަޔަށް ނާރާ ބަލިތަކުން ރާއްޖެ ސަލާމަތްކުރުމަށް އަމާޒުކޮށް ސަރުކާރުން ސިއްޙީ ސިޔާސަތުތައް ބައްޓަންކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރ. ހުޅުދުއްފާރަށް ކުރެއްވި ދަތުރުފުޅުގައި ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، މިހާރު މުޖުތަމަޢުގައި ފުރާނައަށް ނުރައްކާވާ ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުން އަންނަ ކަމަށެވެ. މިކަމަކީ ދިރިއުޅުމުގެ އާދަކާދައާ ގުޅިފައިވާ ކަމެއްކަމަށް ފާހަގަކުރައްވައި، މީގެ ކުރިން އެއްވެސް ވެރިއަކަށް ކުރައްވަން ކެރިވަޑައިނުގެންނެވި އެތައް ކަމެއް ރައީސް މުޢިއްޒު ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވި އެވެ.
”ދުންފަތާއި ވޭޕަކީ ސީދާ ސިއްޙަތަށް ގެއްލުންހުރި އެއްޗެއް ނަމަވެސް، މީގެ ކުރިން އެކަމަށް އެއްވެސް ފިޔަވަޅެއް އެޅިފައި ނުވޭ“ މިނިސްޓަރ ވިދާޅުވި އެވެ. އަދި ސިއްޙީ ނިޒާމަކީ ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހިކުރާ ނިޒާމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް އަންނަން އޮތް ޖީލުތަކުން ޝުކުރުވެރިވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މީގެއިތުރުން، އާސަންދައާއި ބޭހަށް ކުރެވޭ ހޭދައިގެ ތެރެއިން ކުރެވޭ އިސްރާފު ކުޑަކޮށް، އެ ފައިސާ ސިއްޙީ ނިޒާމުގެ އެހެން ދާއިރާތައް ހަރުދަނާކުރުމަށް ބޭނުންކުރެވޭނެ ގޮތް ހެދުމަކީ މުޅި ނިޒާމު ވަރުގަދަކުރުމަށް ލިބޭނެ ބާރެއްކަމަށްވެސް މިނިސްޓަރ ނާޒިމް ފާހަގަކުރެއްވި އެވެ.
ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް މިނިސްޓްރީ އޮފް ހެލްތް